ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތުގެ 73 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ބ. ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ.
އެހެންކަމުން މިހާރު އެ މަޗރޫގެ ދަށުން ކުރިއަށްދާ މަސައްކަތްތަކަކީ، ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 10 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތްތަކެވެ. ހަމައެއާއެކު ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މައްސައްކަތްތަކުގެ ވެސް ބޮޑު ބައި ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 0.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ 100 ޕަސެންޓް ވަނީ ނިމިފައެވެ. ހަމައެއާއެކު ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި، ސީ އައުޓްފޯލް ގާއިމް ކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫގެ ދަށުން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫގެ އަގަކީ 85.686,304,46 46،304،686.85 މިލިއަން ރުފިޔާއެވެ.
މިމަޝްރޫ ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެން ދާނެއެވެ.