ކ. ރަސްފަރީ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް' ނަމަކަށް ކިޔާ ކާގޯ ބޯޓު، ވަގުތު އޮއްވާ ކަމާބެހޭ ފަރާތްތަކަށް އެންގިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ބޯޓު ފަރަށް އެރުމާ ގުޅިގެން އީޕީއޭއިން ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރިފަރާތުން ޝައުނާއަށް އިސްތިއުނާފު ކުރުމަށް ހުޅަހެޅުމުން މިނިސްޓަރު، އެމައްސަލަ ބައްލަވާ އީޕީއޭ ގެ ނިންމުން ބަދަލުކުރަން އަންގަން ޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވެ ނެރުއްވި ނޫސްބަޔާނުގައެވެ.

މި ނޫސްބަޔާނުގައި މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން ހުރި މީހާގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަން ފާހުގަ ކުރެއްވިއެވެ.

މިނިސްޓްރީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުން ބޯޓުގެ އިންޖީނެއްގެ ޓެމްޕްރޭޗާ މަތިވެގެން ކެޕްޓަނަށް އެކަން ފާހަގަ ކުރެވިފައި ވަނީ އޮގަސްޓް 18، 2021 ގެ 01:00 ގައެވެ. ދިމާވި މައްސަލަ ބެލުމަށް ބޯޓުގެ އިންޖީނު ނިއްވާލާފައި ވަނީ ހަމަ އެ ދުވަހު 02:30 ގައެވެ. ބޯޓު ފަރަށް އަރާފައި ވަނީ އޮގަސްޓް 19، 2021 ގެ 01:00 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް، މި ހާދިސާ ހިނގިކަން ރަސްމީކޮށް ސަރުކާރުގެ މުއައްސާސްތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓު ކޮށްފައި ވަނީ އޮގަސްޓް 19، 2021 ގެ ރޭގަނޑު 9ގައި ކަމަށާއި ބޯޓު ފަރަށް އެރިކަން އީޕީއޭ އަށް ލިޔުމުން އަންގާފައި ވަނީ އޭގެ އަނެއް ދުވަހު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އޭގެ ކުރިން، ބޯޓު ފަރަށް އަރައިގެން އުޅޭކަން އީޕީއޭ އަށް އަންގާފައި ވަނީ ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި "ދިރާގު" ގެ މުވައްޒަފުން ކަމަށާއި އެ ކުންފުނިން މި މައްސަލަ އީޕީއޭ އަށް ރިޕޯޓު ކޮށްފައި ވަނީ އޮގަސްޓް 19، 2021 ގެ މެންދުރު 01:27ގައި ކަމަށެވެ. އެހެންކަމުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައި އެއްބާރުލުން ދިންކަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަމަށް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަ ކުރެއްވިއެވެ.

އިމާޖެންސީ ހާލަތެއް ކަމަށް ގަބޫލުކޮށް، ވަގުތު އޮއްވާ ކަމާބެހޭ ފަރާތްތަކަށް އަންގާ އެ ފަރާތްތަކުގެ އެހީތެރިކަން ބޯޓުން ހޯދިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތް ކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުން ހުރި މުއައްސަސާތަކުން ދެކޭ ކަމަށް ވެސް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރުގެ މި ނިންމެވުމުގައި، ދިވެހިރާއްޖެއަށް ލިބިފައިވާ ގުދުރަތީ އެންމެބޮޑު ރައުސްމާލަކީ ދިވެހިރާއްޖޭގެ ފަރުތަކުގެ ނިޒާމުކަން ފާހަގަ ކުރެއްވިއެވެ. އަދި ފަރުގެ ނިޒާމަކީ އޭގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ، ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި މަސްވެރިކަން އެއާ ނުލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމު ތަކެއްކަމަށް ޝައުނާ ވިދާޅުވިއެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމުގެ އިތުރުން ތެޔޮ ލީކުވުން ފަދަ ހާދިސާއެއް ހިނގިނަމަ، ރާއްޖޭގެ ތިމާވެއްޓަށާއި، މަސްވެރިކަމަށާއި، އާންމު ސިއްހަތަށާއި، ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު އަހަރުތަކެއް ވަންދެން ކުރާނެކަމީވެސް ޝައްކެއްނެތް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.