މިދިޔަ ފަސް އަހަރުގެ ތެރޭ ސަރުކާރުން ނެޝަނަލް ޑްރަގް އޭޖެންސީއަށް 366 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އެ މުއްދަތުގައި ސަރުކާރަށް އެ އޭޖެންސީން އަނބުރާ ދިނީ 47 މިލިއަން ރުފިޔާ ކަމަށް، ޕެޓިޝަން ކޮމިޓީން އިއްޔެ ބުނެފިއެވެ.

"ޗޭންޖް އެންޑީއޭ" ގެ ނަމުގައި ހުށަހެޅި ޕެޓިޝަން ދިރާސާކުރުމަށް ފަހު، އެ ކޮމިޓީން އެކުލަވާލި ރިޕޯޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ވިދާޅުވީ، އެންޑީއޭގެ އޮޑިޓެއް ހަދައި، އެ އޭޖެންސީން އިހުމާލުވި ދިމާތައް ހޯދަންޖެހޭ ކަމަށެވެ.

"މީގެން އެނގޭނެ ކޮން ދިމާލަކުން ކަން އިހުމާލުވީ. ކޮން ދިމާލަކުން ކަން ވައްކަން ކޮށްފައި ވަނީ." ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ޒުވާނުންގެ ހާލަތާއި، އެމީހުންނަށް ފަރުވާދޭން ހުރި މަރުކަޒުތަކުގެ ހާލަތު ގޯސް ކަމަށާއި، އެގޮތުން ސެންޓަރުތަކަށް ޒިޔާރަތްކުރާ ފަރާތްތައް ބޯލާނެ ފެންފުޅިއެއް ނެތުން ފަދަ ވާހަކަ އަޑުއިވޭއިރު، މިކަން ހިންގަން ތިބި ބައެއް ފަރާތްތަކުގެ އިހުމާލު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ، ކޮމިޓީގެ މެމްބަރުން އެންޑީއޭއަށް ކުރި ޒިޔާރަތުގައި އެތަނުގެ އިސްވެރިން މެމްބަރުންނާ ބައްދަލުކުރަން ބޭނުންނުވި ކަމަށެވެ.

މީގެ އިތުރުން، މުޣުނީ ވިދާޅުވީ ރަށްރަށުގައި ހުންނަ ފަރުވާދޭ ސެންޓަރުތަކުން ކުޑަ ހަރަދެއް ކޮށްލަން ޖެހުނަސް، ޖެހެނީ އެންޑީއޭގެ އޮފީހުގައި އާދޭސްކުރަން ކަމަށާއި، ރަށްރަށުގައި ހިންގާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގައިވެސް އެންޑީއޭއިން ގެންގުލެނީ ހަމަނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ.

ހަމައެހެންމެ، ބައެއް މަރުކަޒުތަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިތްވަރުދޭ މަރުކަޒުތަކެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރެވޭނެ އުސޫލެއް ކަނޑައެޅިފައި ނެތްކަން ކޮމިޓީއަށް ފާހަގަކުރެވުނު ނަމަވެސް، މިހާރު ގެންނަ ބަދަލުތަކާއެކު ހުރިހާ ކަމެއްވެސް ބަދަލުވެގެން ދާނެ ކަމަށެވެ.