ވައިގެ މަގުން ރާއްޖެއައި ބްރެޒިލް މީހެއްގެ އަތުން އަތުލި މަސްތުވާތަކެތީގެ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްއިން ބުނީ މިމަހު 2 ވަނަ ދުވަހު ރާއްޖެ އައި ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުރި ކަމަށާއި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.