2017 ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުން ދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. މަޑަވެލި ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އިއުތިސާމްގެ ބަންދަށް ކޯޓުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކޯޓުގައި ބަންދު މުރާޖައާ މަޖިލީހުގައި ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ އިއުތިސާމްއަށް ކުރި ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތައް ނުފެށި އުޅެނިކޮށް 2018 ވަނަ އަހަރުގެ ތެރޭގައި އިއުތިސާމް ވަނީ ކޯޓުން ދޫކޮށްލައިފައެވެ.

އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިދޔަ ޖޫން މަހު ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރިއެވެ.

އެމައްސަލާގައި އިއުތިސާމް ހައްޔަރުކުރީ، ހއ ހޯރަފުށީ އަލަނާސިގޭ، މުހައްމަދު ތަސްލީމް ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމްގެ ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

އިއުތިސާމާއެކު އައްޑޫއިން 8 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ފަސް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.