ރާއްޖޭގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކަށް ހިއްސާކޮށް ޝަކުވާއެއް ވާ ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑޮކްޓަރީ ބޭސް ވިއްކޭނެ "މެކްސިމަމް ރީޓެއިލް ޕްރައިސް" ނުވަތަ އެންމެ މަތީ އަގު، ސަރުކާރުން ވަނީ ކަނޑައަޅާ އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ނިންމާފައެވެ. މި ޕޮލިސީ ތަންފީޒް ކުރަން ފެށުމުން، އަސާސީ ބޭސް ވިއްކަން އާންމުކުރި ލިސްޓުގައި ބުނާ އަގަށް ވުރެ ބޮޑުއަގުގައި ބޭސް ވިއްކުން މަނާވާނެއެވެ.
ސަރުކާރުން ބުނީ، ޑަކްޓަރީ ބޭހުގެ މަތީއަގު ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާ މިހާރު ހިއްސާކޮށްފައި ވާނެ ކަމަށެވެ. އަސާސީ ބޭސްތަކުގެ މަތީއަގު ފައިނަލް ކުރުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީއާ ހިއްސާ ކުރުމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހު ކަނޑައަޅާފައިވާ އަގަށް ބަދަލެއް ގެންނަން ޖެހޭ ނަމަ ހަދާފައިވާ ގަވާއިދާ އެއްގޮތަށް އެބަދަލެއް ގެންނާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިހާރު ކަނޑައަޅާފައިވާ މަތީއަގު ހިސާބު ކޮށްފައި ވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ ބޭހުގެ އިންވޮއިސްގެ އެފްއޯބީ އަގަށް 100 ޕަސެންޓްގެ ފައިދާއެއް ލައިގެން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައި ވަނީ ފާއިތުވި 5 އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާއިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފާއިތުވި 5 އަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް މިއަހަރާއި މިދިޔަ އަހަރު އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީ އަގު ނަގާފައި ވަނީ މި ދެ އަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ތަންފީޒް ކުރުމަށް ކަނޑައަޅާފައިވާ މި ސިޔާސަތު ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު މަތީއަގު ކަނޑައަޅަފައި ވަނީ މިވަގުތު އެމްއެފްޑީއޭ އިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ. އޭގެތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓިގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.