20 މީހުންގެ ޓީމަކާއެކު ބިދޭސީ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ކްރިކެޓް މުބާރާތެއް ބާއްވަން އުރީދޫން ނިންމައިފިއެވެ.

މި މުބާރަތަކީ މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކާޒް (އެމްއެމްޑަބްލިއު) އަށް އެއްއަހަރު ފުރުން ފާހަގަ ކުރުމަށް އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާ ނަމަ 20 ބިދޭސީ މަސައްކަތްތެރިންގެ ޓީމެއް ހަމަ ކުރުމުން ފުދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަންނަ ހުކުރު ދުވަހު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ބައިވެރިވުމަށް ޓަކައި ފުރަންޖެހޭ ފޯމު، އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެ މީހެއްގެ ގައުމުގެ ބަހުން އެމްއެމްޑަބްލިއުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެކުވެނި ސްޓޭޑިއަމްގައި ހުންނަ ކްރިކެޓް ބޯޑު އޮފީހަށެވެ. ފޯމު ހުށަހެޅޭނީ މާދަމާ މެންދުރު 12:00ގެ ކުރިންނެވެ.

އެކުވެނި ސްޓޭޑިއަމްގައި މި މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ވަށައިގެން އޮންނަ ސަރަހައްދުގައި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިފައި ހުންނާނެއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ހެލްތު ސްކްރީންކޮށްދިނުމާއި، ފޯނު ރަޖިސްޓްރޭޝަންގެ ހިދުމަތް ވެސް ލިބޭނެއެެވެ.

މި މުބާރާތަކީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަތުމަށާއި އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.