އޮސްޓްރޭލިއާ ގެ "ކޮފިން ބޭ' ގައި އުފައްދާ، ޕްރެސްޓީޖް ފުޑްސް އިންޓަނޭޝަނަލް ކުންފުނީގެ ރޯ ޕެސިފިކް އޮއިސްޓާ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވިބްރިއޯ ޕެރަހެމޮލީޓިކަސް" ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށްވާ ޕްރެސްޓިޖް ފުޑްސް އިންޓަނޭޝަނަލްގެ "ރޯ ޕެސިފިކް އޮއިސްޓާ" ދިވެހި ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓާނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާކް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މިއެލާޓާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރި ކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ރޯ ޕެސިފިކް އޮއިސްޓާ" ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ ވަނީ އިލްތިމާސް ކޮށްފައެވެ.

އާންމުކޮށް ސީފްޑްގެ ގިނަ ވައްތަރުތައް ބޭނުން ކުރަނީ ރިސޯޓުތަކުގައި ކަމަށްވިޔަސް، ރާއްޖެ އެތެރެ ކޮށްފައި ވަނީ ކިހާ އަދަދެއްގެ ޕެސިފިކް އޮއިސްޓާ ކަމެއް އެމްއެފްޑީއޭ އަކުން ނުބުނެއެވެ.