ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ދޭން ފަށައިފިއެވެ.

މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު، އަހްމަދު އާދިލްއެވެ.

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން ލެބޯޓްރީގައި ޖުމްލަ 57 ޓެސްޓެއް ހެދޭއިރު އޭގެ ތެރޭގައި ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަހުލީލުގެ 4 ޓެސްޓް، ޗިސްމޭ ތަހުލީލުގެ 6 ޓެސްޓް، ހިތުގެ ތަހުލީލުގެ 4 ޓެސްޓް، ކަށީގެ ތަހުލީލުގެ 1 ޓެސްޓު، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަހުލީލުގެ 4 ޓެސްޓަކާއި އަދި ކުޑަކަމުދާ ތަކެތީގެ ތަހުލީލުގެ 11 ޓެސްޓެއް ހިމެނެއެވެ.

މީގެ އިތުރުން ބޮޑުކަމުދާ ތަކެތީގެ ތަހުލީލުގެ 3 ޓެސްޓާއި ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނެއެވެ.

މީގެއިތުރުން ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ހިދުމަތް ވެސް ފަށަން ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި ފަދަ ހިދުމަތެއް ފެށުމުން ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި ކުރިޔަށް އޮތްތަ ނުގައި މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ ނޮޅިވަރަންފަރުގައި ލެބޯޓަރީގެ ހިދުމަތް ފެށުމާއެކު އެރަށު ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ ކަމަށާއި އަދި ދަތުރު ކުރުމުގައި ކުރިމަތިވާ ތަކުލީފު ތަކަށް ވެސް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.