ހުޅުމާލެ ފޭސް 2 ގައި 85 އަހަރުގެ އަހުމަދުފުޅު ނަމަކަށް ކިޔާ މީހެއްގެ ފޯނާއި ވޮލެޓް ބަޔަކު ފޭރުމުގެ ތެރޭގައި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ހުޅުމާލެ ފޭސް 2 ގައި 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓް ފޭރިފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އަހުމަދުފުޅު ކަން ހިނގާދިޔަ ގޮތް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އޭނާ ކިޔައިދޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

"މަ ކޮށްޕާލައިފާ ދުއްވައިގަތީ. ކޮށްޕާލީމާ ގޮސް ގޭގެ ކަނުގައި އަހަރެން ޖެހުނީ"
އަނިޔާ ލިބުނު ދުވަސްވީ މީހާ
ދުވަސްވީ މީހެއްގެ އަތުން ފޭރިގަނެ، އެމީހާ ކޮއްޕާލި ވަގުތު ލިބިފައިވާ އަނިޔާތަކެއް
ދުވަސްވީ މީހެއްގެ އަތުން ފޭރިގަނެ، އެމީހާ ކޮއްޕާލި ވަގުތު ލިބިފައިވާ އަނިޔާތަކެއް

އަހުމަދުފުޅުގެ ކަނާއަތުގެ ބޮޑުބައެއް ނޫފައިގަންފައި ވާއިރު ކޮނޑު ކައިރިންނާއި މުލައްދަނޑިން ވަނީ ތަންކޮޅެއް ކަނޑައިގެން ވެސް ގޮސްފައެވެ. ވީޑިއޯގައި އޭނާ ކިޔައިދޭ ގޮތުގައި ފޭރެން އުޅުނު މީހުން ފޭރުމަށްޓަކައި އޭނާ ކޮށްޕާލައި ވޮލެޓު ހިފައިގެން ދުއްވައިގަތީއެވެ. އަދި އެވަގުތު ވިއްސައިގެން ގޮސް އޭނާ ޖެހުނީ ގޭގެ ކަނުގައި ކަމަށް ވެސް ބުންޏެވެ.

އަހުމަދުފުޅު ބުނީ އެކަން ފުލުހަށް އެންގި ކަމަށާއި އެމީހާ ހޯދުމަށް މަސައްކަތް ވީވަރަކުން ކުރާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި އެ އަނިޔާއަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދައިފާ ނުވާނެ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.