ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް އެމެރިކާއިން ވިސްނަމުން ދާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ބައްދަލުކުރައްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހެން ވިދާޅުވެފައި ވާއިރު އެމެރިކާއިން މިކަން ރަސްމީކޮށް ނިންމައިފިނަމަ އަންނަ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ އޮފިޝަލުން ނުދާނެއެވެ.

އެމެރިކާއިން މި ގޮތަށް އަމަލު ކުރުމާމެދު ވިސްނާފައި މިވަނީ ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި މުސްލިމުން ނައްތާލުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމެރިކާއިން ތުހުމަތު ތަކެއް ކޮށްފައި ވީނަމަވެސް ޗައިނާއިން މިކަމަށް ތަކުރާތުކޮށް އިންކާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޗައިނާގެ ޓެނިސް ތަރިއެއް ގެއްލިގެން ދުނިޔޭގެ ސަމާލުކަމަށް އެކަންވެސް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާއިން މިކަމާ ދެކޮޅު ހެދިނަމަވެސް ގިނަ ބަޔަކު އެކަން ގަބޫލު ކޮށްފައި ނުވާއިރު ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް އެމެރިކާގެ ސަރުކާރަށް އެތައް ބަޔަކު ގޮވާލާ ޕްރެޝަރު ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވެފައި ވަނީ ޝިންޖިއާން ޕްރޮވިންސްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުއްވެރި ކުރާ ކަމަށާ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށެވެ.