އިންޑިއާއާއެކު ދިވެހި ސަރުކާރުން ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުންނަށް ދޭން ހުށަހެޅި ހުށަހެޅުން ފާސް ނުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އިންޑިއާއެކު ހަދާފައިވާ ހައިޑްރޯގްރަފީގެ އެއްބަސްވުމާއި ޑޯނިއާ ބޯޓު އޮޕަރޭޓް ކުރުން އަދި އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުން ކޮމިޓީއިން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރުމަށް މިއަދު ބޭއްވި 241 ކޮމިޓީގެ ޖަލްސާގައި އެ ރިޕޯޓް ފާސް ކުރީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ 7 މެންބަރުންގެ ވޯޓުންނެވެ. އެ މެންބަރުންނަކީ؛

  • ކޮމިޓީގެ ނައިބު މުގައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުޝެއިން ޝަހީމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
  • ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  • ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.

ރިޕޯޓް ފާސްކުރަން ދެކޮޅު ހެއްދެވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެކަންޏެވެ. ކޮމިޓީގައި ބާކީ ތިއްބެވި މެންބަރުންގެ ތެރެއިން ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކޮމިޓީއަކަށް ވަޑައެއް ނުގަންނަވައެވެ.

މެންބަރު އުޝާމާއި މެންބަރު އަލީ ހުސައިން ވޯޓު ދެއްވަން ދެކޮޅު ހެއްދެވި އިރު އެ މެންބަރުން ވިދާޅުވެފައި ވަނީ ސަލާމަތީ ހިދުމަތްތަކުން ކޮމިޓީއަށް ހާޒިރުވެ ދެއްކި ޕްރެޒެންޓޭޝަންގައި އުތުރުތިލަފަޅު އެއްބަސްވުން ނުދައްކާ ކަމާއި، ދެއްކީ އެއްބަސްވުމުގައި ހިމެނޭ ވަކިވަކި ބައިބައި ކަމަށެވެ. އެހެންކަމުން މުޅި އެއްބަސްވުމުގެ ކޮޕީއެއް މެންބަރުންނަށް ލިބެން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަނީ އެ ކަމަށް ދެކޮޅު ހައްދަވާފައެވެ.

މިއަދު ފާސްކުރި ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަނެއް ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޮމިޓީއާ ހިއްސާ ކުރިއެވެ. އެ ޕްރެ×ެނެތޭޝަނުގައި ހުރީ އެއްބަސްވުންތަކުގެ ބައިބައިގައި ހުރި ވާހަކަތައް ބުނެދީފައެވެ. އެކަމަކާ ގުޅިގެން އުޝާމް އާއި އަލީ ހުސެއިން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވާ ރިޔާސަތުގައި އިންނެވި މުހައްމަދު އަސްލަމް ވިދާޅުވީ އެއްބަސްވުންތައް ފެނިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވަނީ ތަންކޮޅެއް ފަހުން ކޮމިޓީއާ ގުޅިވަޑައިގަތުމުން ބައެއް ބައްދަލުވުންތަކަށް ހާޒިރުވެވިފައި ނުވާތީ ކަމަށެވެ. އެ ކޮމިޓީއަށް އުޝާމް ހަމަޖެއްސީ އެމްއެންޕީ މަޖިލީހުން ބަލައިގަނެ ކޮމިޓީތަކަށް އައި ބަދަލުގެ ތެރެއިންނެވެ.