ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 98 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހަައްދެއްގެ ބަނދަރު ފުންކުރާއިރު، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާނެއެވެ.

އޭގެ އިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާ، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާ، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާ، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުއަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.