އަންހެން ކުދިންނަށް ހާއްސަކޮށް، ދިރާގާއި "ވިމެން އިން ޓެކް" ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި "ގާލްސް ޓު ކޯޑް" ކޯޑިން ޕްރޮގްރާމް އިއްޔެ ނިންމާލައިފިއެވެ.

ދެ މަސްދުވަހުގެ މުއްދަތަކަށް ކުޅުދުއްފުށީގެ އަފީފުއްދީން ސްކޫލްގައި ހިންގި މި ޕްރޮގްރާމްގައި 14 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިން ބައިވެރިވެފައިވާއިރު، 18 ދަރިވަރެއް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން، ދިރާގުގެ ކޯޕަރޭޓް ސާވިސަސް ޑިރެކްޓަރު އާތިފާ އަލީ ވިދާޅުވީ، ޓެކްނޮލޮޖީގެ ރޮނގުން އަންހެނުންނަށް ފުރުސަތުތައް ހުޅުވިފައިވާ ކަމަށެވެ. އެ ރޮނގުން މަސައްކަތްކުރާ އަންހެނުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި، އާތިފާ ވަނީ އިންޓަނެޓުގެ ޒަރިއްޔާއިން ރަށުގައި ތިބެގެން ވަޒީފާ ހޯދުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އަންހެން ކުދިންނަށް ކުޅުދުއްފުށީގައި ބޭއްވި ކޯޑިން ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދިރާގު

މީގެ އިތުރުން، ވިމެން އިން ޓެކްގެ ރައީސް ހިންދު އަލީ ވަނީ މި ޕްރޮގްރާމުން ދަސްވި މައުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމައު އަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަށް ވިދާޅުވެ، ޕްރޮގްރާމްގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި ގައުމީ ފެންވަރާއި ރަށު ފެންވަރުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯދައިދިނުމަށް ކުޅުދުއްފުށީ ކައުންސިލްގެ ކިބައިން އެދިވަޑައިގަތެވެ.

2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގާ ގާލްސް ޓު ކޯޑް ސީރީޒްގެ ދަށުން މިއަހަރު ކުޅުދުއްފުށީގައި މި ޕްރޮގްރާމް ހިންގިއިރު، މީގެ ކުރިން ފުވައްމުލަކާއި ގދ. ތިނަދޫގައިވެސް މި ޕްރޮގްރާމް ބޭއްވިއެވެ.