އިންސާނާކަށް ލިބޭ އެންމެ ބޮޑު އެއް ނިއުމަތަށް ފުރިހަމަ ގުނަވަންތައް ވެއެވެ. ދުނިޔެއަށް އުފަންވާއިރު ލިބިފައިހުރި އައިބެއްގެ ސަބަބުން ގުނަވަނެއް ނެތި އުޅުމަކީ އުނދަގޫ ކަމަށް ނުވިޔަސް ދިރިއުޅުމުގެ ވަކި ހިސާބަކުން ދިމާވާ ހާދިސާއަކުން ގުނަވަނުގެ ބޭނުން ކެނޑި ނުވަތަ އެ ގުނަވަނެއް ހަށިގަނޑާ ވަކިކުރަން ޖެހޭ މީހުން މަދުން ނަމަވެސް އުޅެއެވެ. އެ ގުނަވަނަކާ ނުލާ މީހަކު އުޅޭނެ ހާލު އަންދާޒާ ކޮށްލެވޭ ހެއްޔެވެ؟

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ނިކަގަސްމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފައި ޗިސްވެ ބުރިކޮށްލި އުމުރުން 47 އަހަރުގެ މަރިޔަމް ޝަހީދާ އެ ރޭވެސް ނިކުތީ އާދައިގެ މަތިން 11 އަހަރުގެ ދަރިފުޅު ޓިއުޝަން ކްލާހުން ބަލައެވެ. މައްޗަންގޯޅި ބުރު ކައިރީގައި ހުންނަ ޝަހީދާގެ ގެއިން ނުކުމެގެން މަޑުމަޑުން ހިނގާފައި މާދުރަށް ނުދެވި އުޅެނިކޮށް ފަހަތުން ބާރަށް ދުއްވާފައި އައި ޕިކަޕަކުން ޖެހި ވިއްސައިގެން ގޮސް ހޮޅި ދަނޑިއެއް (ޓްރެފިކް ބޯޑެއް) ގައި ޖެހި ފިތުނެވެ. އެ ހޮޅިދަނޑި ހުރީ ކަންމައްޗަށް ވާ ގޮތަށް ހުރި ފާރާ ފޫޓެއްހާ ދުރުމިނުގައި ކަމުން ޕިކަޕު ހުއްޓެނީ ހޮޅިދަނޑިއާއި ފާރުގައި ޖެހިފައެވެ.

https://youtu.be/v5x1v9SaZ7E

ޝަހީދާއަށް ލިބުނު އަނިޔާތަކަށް މި ވަގުތުވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނައިރު އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުން އެ ރޭ އޭނާގެ ފައި ބުރިކޮށްލަން ޖެހުމުގެ އިތުރުން އެކިވަރުގެ ބޮޑެތި އަނިޔާ ލިބިފައިވާކަން ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

18 އަހަރުން މަތީގެ ދެ ފިރިހެން ކުދިންނާއި 11 އަހަރުގެ ފިރިހެން ކުއްޖަކު ހުންނަ ޝަހީދާ އަކީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިންގެ ހައްގުގައި ހަނގުރާމަކުރަމުން ދާ ހިތްވަރުގަދަ އަންހެނެކެވެ. އެ ހިތާމަވެރި އެކްސިޑެންޓް ހިނހި އިރު، ފިހާރައެއްގައި ވަޒީފާ އަދާކުރަމުން ކުދިންނާއި އެހެނިހެން ހަރަދުތައް ބަލަހައްޓަމުން ދިޔަ ޝަހީދާ މީގެ ކުރިން ވަނީ 17 އަހަރެއްހާ ދުވަސް ވާންދެން ހެލްތް މިނިސްޓްރީގައި ސަރުކާރަށް ހިދުމަތް ކޮށްދީފައެވެ.

ޝަހީދާ ހިނގާފައި މަގު ހުރަސް ކުރާ އިރު ޕިކަޕު ގޮސް އޭނާގެ ގައިގާ ޖެހެނީ / ވީޑިއޯގެ ސްކްރީންޝޮޓެއް

ލިޔެލާ އަކުރުތަކަކުން ބަޔާންކޮށް ދޭންވެސް ދަތި ހާލެއްގައި ހުރެމެ، "ދަ ޕްރެސް" އަށް ޝަހީދާގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ ކޮއްކޮ ބުނީ، ޓިއުޝަން ކްލާހާއި ގެއާ ކައިރިކަމުން އޭނާ ދިޔައީ ގޭގައި ފޯނު ބާއްވައިފާ ކަމަށާއި އާއިލާއަށް އެނގުނީ އެކްސިޑެންޓު ހިނގާ، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭޑީކޭގައި މަސައްކަތް ކުރާ އާއިލާގެ މީހެއްގެ ފަރާތުން ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް ޝަހީދާ ވާހަކަދައްކާފައި ވާއިރު އޭގެ ފަހުން އޭނާ ހޭނެތުނެވެ. އެކްސިޑެންޓުގައި ޗިސްވީ އޭނާގެ ވާއަތުފަޔެވެ. ވައަތުފައި ޗިސްވެ ލިބުނު އަނިޔާތަކުން ލޭ މަނާ ނުވުމުން އާއިލާއާ ބައްދަލުކޮށް ޑޮކްޓަރު ބުނީ ޝަހީދާގެ ފައި ބުރި ކޮށްލަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އެންމެ ފުން ހިތާމައެއް ލިބޭނެ ބަޔަކީ އާއިލާއަށް ވާއިރު އެކަމަކީ ގަބޫލު ކުރަން ފަސޭހަ ކަަމަކަށް ނުވާނެއެވެ. ދެ ފަހަރުމަތިން އަދިވެސް މަސައްކަތް ކޮށްދިނުމަށާއި އެނޫން އެހެން ގޮތެއް އޮތްތޯ ބަލައިދިނުމަށް އާއިލާއިން ޑޮކްޓަރު ގާތު އެދުނު ނަމަވެސް އެކަމުގައި އިތުރު ގޮތެއް ނެތުމުން އެރޭ ޝަހީދާގެ ވައަތުފައިގެ ކަކުލު ހުޅަށް ވުރެ މަތިން ވަނީ ބުރިކޮށްލާފައެވެ.

ޝަހީދާއަށް އިތުރަށް ލިބުނު އަނިޔާތައް ކިޔައިދެމުން އޭނާގެ ކޮއްކޮ ބުނީ ވައަތުފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ގައި ވަނީ ރެނދުލާފައި ކަމަށާއި އެތަން ހުރީ ވަކިވާ ނުވާ ވަރުގައި ކަމަށެވެ. އަދި އަނގަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފާ ކަމަށްވެސް ބުންޏެވެ. އެގޮތުން ތައްޔަށް ދަތްޕިލަ ވަދެ، ބައެއް ދަތްތައް ހަލާކުވެ، ނެއްޓިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އަތުގެ ކަށިތަކުގައި ރެނދުލާފައިވާ ކަމަށް ވެސް ބުންޏެވެ. ލިބިފައިވާ އަނިޔާތަކުގެ ހުރިހާ ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް ބުނަމުން އާއިލާއިން ބުނީ އުކުޅުވަޅުގެ ކަށިގަނޑުގެ އޮޕަރޭޝަން 10 ދުވަސް ފަހުން ކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ޝަހީދާއަށް ބޮޑެތި އަނިޔާތަކެއް

ޝަހީދާއަށް އިތުރަށް ލިބުނު އަނިޔާތައް ކިޔައިދެމުން އޭނާގެ ކޮއްކޮ ބުނީ ވައަތުފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ގައި ވަނީ ރެނދުލާފައި ކަމަށާއި އެތަން ވަކި ހުރީ ވަކިވާ ނުވާ ވަރުގައި ކަމަށެވެ. އަދި އަނގަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފާ ކަމަށްވެސް ބުންޏެވެ. އެގޮތުން ތައްޔަށް ދަތްޕިލަ ވަދެ، ބައެއް ދަތްތައް ހަލާކުވެ، ނެއްޓިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އަތުގެ ކަށިތަކުގައި ރެނދުލާފައިވާ ކަމަށް ވެސް ބުންޏެވެ. ލިބިފައިވާ އަނިޔާތަކުގެ ހުރިހާ ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް ބުނަމުން އާއިލާއިން ބުނީ އުކުޅުވަޅުގެ ކަށިގަނޑުގެ އޮޕަރޭޝަން 10 ދުވަސް ފަހުން ކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޝަހީދާ އެ ހޮސްޕިޓަލްގެ ވޯޑަށް ވަނީ ބަދަލުކޮށްފައެެވެ. އޭގެ ފަހުން ކުޑަކޮން ވާހަކަދައްކާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާގެ އެހީތެރިކަން

އެކަނިވެރި މަޔަކަށް ވުމުގެ ސަބަބުން އާއިލާގެ އެންމެންވެސް އަބަދުވެސް ވީ ވަރަކުން ޝަހީދާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މި ހިތާމަވެރި ހާދިސާއިން އާއިލާގެ ގިނަ ބަޔަކަށް ފުން އަސަރެއް ކޮށްފައި ވާއިރު އޭނާގެ މަންމަ އިނީ އަދިވެސް ވާހަކަ ނުދެއްކޭ ހާލަތުގައި ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން އިތުރަށް ބުނީ ޝަހީދާ ފެންނަ ކޮންމެ ފަހަރަކު ހިތްވަރު ކުރިޔަސް ކޮންމެ މީހަކަށްވެސް ހިތްފަޅައިގެންގޮސް ރޮވޭ ކަމަށެވެ. މިހާދިސާ ހިނގިއިރު ޝަހީދާ އައީ މިއަންނަ ޑިސެންބަރު ނުވަތަ ޖެނުވަރީ މަހުގެ ތެރޭގައި ކައިވެންޏެއް ކުރުމަށް ތައްޔާރުވަމުންނެވެ.

މިހާދިސާ ހިނގިއިރު ޝަހީދާ އައީ މިއަންނަ ޑިސެންބަރު ނުވަތަ ޖެނުވަރީ މަހުގެ ތެރޭގައި ކައިވެންޏެއް ކުރުމަށް ތައްޔާރުވަމުންނެވެ.

ޝަހީދާ އަށް އެހީވޭ

ޝަހީދާއަށް އެހީ ހޯދުމަށް "ހެޔޮ އިންވެސްޓް" ފިހާރައިން ވަނީ "ހެލްޕް ޝަހީދާ" ގެ ނަމުގައި އިއްޔެ ހެނދުނު 9 އިން މިއަދު ހެނދުނު 9 އަށް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ފިހާރާގެ ވެރިޔާ ފާތިމަތު އަޒްހީމާ ބުނީ ޝަހީދާ އަކީ އެ މީހުންގެ ރެގިއުލާ ކަސްޓަމަރެއް ކަމަށެވެ. އަދި އެ މަންޒަރު އެ ފިހާރައިގެ މުވައްޒަފުންނަށް ފެނި އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ވެސް އަޒްހީމާ ބުންޏެވެ. މިއަދު ޝަހީދާގެ ދޮށީ ދަރިއަށް ގުޅި ކަމަށާއި އޭނާ ވަނީ އަންދާޒާ ކޮށްލާފައި 285،000 ރުފިޔާ ލިބިފައިވާ ކަމަށް ބުނެފާ ކަމަށް އަޒްހީމާ ބުންޏެވެ.

"މި ކެމްޕޭން މިހާ ފުރިހަމަކޮން ކުރިޔަށް މި ގެންދެވުނީ ވަރަށް ގިނަ ދީލަތި ބޭފުޅުން ވެދެއްވި އެހީގެ ސަބަބުން ކަން އުފަލާ އެކު ފާހަގަ ކުރަމެވެ. މި ކެމްޕެއިން ނިމުނު ކަމުގައި ވިޔަސް އަދިވެސް އެހީ ފޯރު ކޮށްދޭން ބޭނުން ފުޅުވާ ބޭފުޅުން ޝަހީދާ ގެ އެކައުންޓައް ރުފިޔާ ޖަމާކުރެވޭނެ. ޝުކުރިއްޔާ ހުރިހާ ބޭފުޅުންވެސް ތިޔަ ދެއްވި އެއްބާރު ލުމަށް،"
ހެޔޮ އިންވެސްޓްމެންޓް

ޝަހީދާގެއަށް އެންމެގެ ހެޔޮ ދުއާއާއި އެހީ ބޭނުންވެއެވެ.

އެކަންޓުން ނަން: މަރިޔަމް ޝަހީދާ

އެކައުންޓް ނަމްބަރު (ރުފިޔާ): 7704261584101

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ މަރިޔަމް ޝަހީދާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.