ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަތެވެ.

ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަން ދޭނީ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްތައް ކުރުން މަތީގައި ކަމަށާއި، ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތު ނުކުރާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 5،303 މީޓަރުގެ މަގުގައި ތާރު އަޅާއިރު، 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކޮށް އޭބީސީ ފަށަލަ އަޅައި، 11،113.80 އަކަ މީޓަރުގެ ސަރަހައްދެއްގައި ފުޓްޕާތެއް ހަދާނެއެވެ.

އަދި އެ މަގުތަކުގައި ފެން ހިންދާ ނިޒާމެއްވެސް ގާއިމްކޮށް، މަގުމަތީ ނިޝާންތަކާއި ސްޕީޑްބްރޭކަރާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

އެއް އަހަރާ ފަސް މަހުގެ ތެރޭ މި މަޝްރޫއު ނިންމާ ގޮތަށް ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 71.90 މިލިއަން ރުފިޔާއަށެވެ.