ގްރޭޑް 10 ނިންމުމުން ކިޔެނުން ނިންމާ ނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ސާނަވީ އިމްތިހާންތަކުން މަތީ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސާނަވީ އިމްތިހާން ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ އަދަދު މަދުވާ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށެވެ. މިގޮތުން މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިހާން ހަދަނީ އެވްރެޖްކޮށް 5600 ދަރިވަރުން ކަމަށާއި އޭގެ ތެރެއިން، މަތީ ސާނަވީއަށް ވަންނަނީ އެވްރެޖްކޮށް އަހަރަކު 2040 ކުދިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސާނަވީ ހަދާ ކުދިންގެ އަދަދަކީ ގާތްގަނޑަކަށް 35 ޕަސަންޓް ކަމަށާއި މީގެ މާނައަކީ ގާތްގަނޑަކަށް 64 ޕަސަންޓް ކުދިން މަތީ ސާނަވީ ހަދަން ބޭނުންނުވާ ކަމަށެވެ.

ގްރޭޑް 10 ނިމުމުން، ކިޔަވާ ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ސާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަދި އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަގްބަލް އެކަންޏެއް ނޫން ކަމަށާއި އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.