ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، ރާއްޖޭގެ ރަށްރަށުގެ އަބާދީގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑީ ޝާހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހާއި ފާހަނާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ހަފްލާގައެވެ.

މިހަފްލާގައި އެމްޑަބްލިއުއެސްސީގެ ބޯޑް މެމްބަރުންނާއި މޯލްޑިވްސް ޕޯސްޓްލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުލްالله، ތިބާ ކޯ-ފައުންޑާ މުހައްމަދު މުސްތަފާ ފާރޫގް އަދި އެކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެމްޑީ ޝާހު އިތުރަށް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެމަސައްކަތުގެ ވަރަށް ބޮޑު ބައެއް އަދާ ކުރަނީ މިއަދު އެމްޑަބްލިއުއެސްސީ އިން ކަމަށެވެ. އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް ނަރުދަމާގެ ހަރުދަނާ ނިޒާމަކުން އެހީތެރިވެދޭނެ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެމްޑަބްލިއުއެސްސީގައި ބޭއްވި ހަފްލާގައި އެކުންފުނީގެ ފިރިހެން މުވައްޒަފުން ބައިވެރިވަނީ

އެމްޑަބްލިއުއެސްސީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ނަރުދަމާ ނިޒާމްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުނި ކަމަށާއި މިހިދުމަތް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ މުހިއްމު މަގުސަދު ކަމަށް ޝާހު ވިދާޅުވިއެވެ. އަދި މިހިދުމަތް ދިނުމުގައި މިކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް މިފުރުސަތުގައި ފާހަގަ ކުރާ ކަމަށް ވެސް އެމްޑީގެ ވާހަކަގައި ފާހަގަ ކުރެއްވިއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރެވިގެން މިދަނީ، އާއިލާތަކާއި އަދި މުޖުތަމައުއަށާއި ދުނިޔެއަށް ފިރިހެނުން ގެނެސްދޭ ކުރިއެރުމާއި ހެޔޮ ބަދަލުތައް ފާހަގަ ކުރުމާއެކު، އޭގެ އަގުވަޒަންކޮށް އަދި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިއުއެސްސީން ބޭއްވި ހަރަކާތުގައި ކުންފުނީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

ދުނިޔޭގެ ފާހާނާ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީން ވަނީ "ނަޒީމުގެ ވާހަކަ" ރިލީޒްކޮށްފައެވެ. މިއީ ނަރުދަމާ ނިޒާމް ސާފުކޮށް ރައްކާތެރިކަމާއެކު އެހިދުމަތް ދިނުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންކުރަމުން އަންނަ ބުރަ މަސައްކަތް އަގު ވަޒަން ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ވީޑިއޯ ކުރު ފިލްމެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާއި ފާހަނާ ދުވަހަކީ ކޮންމެ އަހަރަކު ވެސް ނޮވެންބަރު 19ގައި އ.ދ ޖަމްއިއްޔާ އިން ފާހަގަ ކުރާ 2 ދުވަހެވެ.