ދިވެހިންގެ ލޭނާރު ކަމުގައި ދުށް މަސްވެރިކަމަކީ ދިވެހިންނަށް ބޮޑު މަންފާތަކެއް ލިބި ގައުމުގެ އިގްތިސޯދު އެ މަސައްކަތެއްގެ މައްޗަށް ބަރޯސާ ވެފައި އޮތް މަސައްކަތެކެވެ. ނަމަވެސް މަސްވެރިކަމުން ލިބޭ ފައިދާ ދަށަށް ގޮސް އިގްތިސޯދުގެ ދުވެއްޔަށް އަތްގަދަ ކޮށްލީ ޓޫރިޒަމް ސިނާއަތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ކަމާ ގުޅިގެން ގިނަ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިކަމުގައި އަބަދުވެސް ދަތިތަކެއް ހުންނަ ކަމަށެވެ. އެ ދަތިކަން ފިލުވާލައިގެން މެނުވީ މަސްވެރިކަން ކުރިއަށް ދާނެ މަގެއް ނުފެންނާނެ ކަމަށެވެ.
މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަ ހުއްޓެވެ. ނަމަވެސް އެ ހުރިހާ ޝަކުވާތަކަކަށް މި ސަރުކާރުން "ބީރު ކަންފަތެއް" ދިނީކީ ނޫނެވެ. މަސްވެރިން ކުރަމުން އައި "ޑިމާންޑް" އާ އެއްވަރަށް ކަންކަން ކޮށް ނުދެވުނަސް މި ސަރުކާރު އައި ފަހުން މިވީ ތިން އަހަރު ތެރޭ މަސްވެރިންކަން ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފައި އެބަ ހުއްޓެވެ. އެ ގޮތުން މަސްވެރިންގެ ދޯނިފަހަރަށް އަޅާ ޑީސަލް އަދި ދޯނި ބަނުމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ ވަނީ ކަނޑާލާފައެވެ. ޑީސަލް އިން ޑިއުޓީ ކަނޑާލުމުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަސްވެރި ބޮޑެތި އުޅަނދުގެ ހަަރަދުން ސަލާމަތް ކުރެވޭނެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޮތީ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލައެވެ. އެކަމަށް މި ސަރުކާރުން މިހާރު ވަނީ ހައްލެއް ހޯދާފައެވެ. އެ ގޮތުން މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިންނަށް ދައްކަން އޮތް ދަރަނި ކަމަށްވާ، 37 މިލިއަން ރުފިޔާގެ ވަނީ ދައްކާ ހަލާސް ކޮށްފައެވެ. އެ ދަރަނި ދެއްކުމަށް ފަހު މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަފްތާއަކު އެއްފަހަރު ދޫކުރަމުންނެވެ. ހަމައެއާއެކު މަސްވެރިންނަށް އެހީގެ ގޮތުގައި ލޯނާއި އިންކަމް ސަޕޯޓް އެލަވަންސް ވެސް ވަނީ ސަރުކާރުން ފޯރުކޮށް ދީފައެވެ.
3 އަހަރު ތެރޭ މަސްވެރިންނަށް ދިން އެހީ:
- 232 މިލިއަން ރުފިޔާ އެސްޑީއެފްސީ ލޯން
- 39 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސް
ފައިސާ ލިބުމުގެ މައްސަލައަށް ފަހު ދެން މަސްވެރިން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ގަންނަ އެންމެ ދަށް އަގު ކުޑަ ކަމުގެ ވާހަކައެވެ. އެކަމާ ގުޅިގެން މި ދިޔަ އަހަރު ތެރޭ މަސްވެރިން ވަނީ އެމީހުންގެ ޝުއޫރު ފާޅުކޮށް އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. އެހެންކަމުން ސަރުކާރުން ވަނީ މަސް ގަންނަން ޖެހޭ އެންމެ ދަށް އަގު ކުރިއަށް ވުރެ މަތިކޮށްފައެވެ.
މީގެ ގާތްގަނޑަކަށް 8 އަހަރު ކުރިން ފެށިގެން ވަކި އަގެއް ކަނޑައަޅައިގެން މަސްވެރިންގެ އަތުން މަސް ގަންނަމުން އައި މައްސަލައަށް މި ސަރުކާރުން ހައްލެއް ހޯދައި ދީ، ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން 1.5 ކިލޯ އަށް ވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށް ހަމަޖެއްސިއެވެ. އަދި 1.5 ކިލޯއަށް ވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގަކީ 5 ރުފިޔާ 15 ލާރި ކަމަށް ހަމަޖެއްސިއެވެ.
މަސްވެރިކަމުގެ ބާޒާރު ފުޅާ ކުރުމަށް މި ސަރުކާރުން ކޮށްދިން ކަންކަމުގެ ތެރޭގައި ކަޅުބިލަ މަހުގެ ބާޒާރު ފުޅާ ކުރުމަށް މަސް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޒަމާނުއްސުރެ އޮތް މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލައި މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވާނީ އާންމުކޮށް ހުޅުވާލާފައެވެ. މީގެ އިތުރުން ލޭނުގެ މަސްވެރިކަން ގާނޫނުން ވަނީ މަނާ ވެސް ކޮށްފައެވެ.
މި ސަރުކާރުން މަސްވެރިންނަށް ފުއްދައި ދޭން ބުނި ވައުދުތަކަކީ:
- ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލެވޭނެ
- މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ
- "މަސްދޯނި އެކައުންޓް” ހުޅުވި، ރާއްޖޭގެ ހުރިހާ މަސްވެރިން ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވި، ރަށަށް ވަންނަ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ގާއިމްކުރެވޭނެ
- ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާދެވޭނެ
- އުޅަނދުފަހަރުގައި ގާއިމް ކުރާނެ މަސް ފިނިކުރާނެ ނިޒާމު ގަތުމަށް ލުއި ލޯނު ދޫކުރަން ފެށޭނެ
- ރާއްޖޭގައި މިހާރު ގާއިމްކޮށްފައި ހުރި އައިސް ޕްލާންޓް ތަކުގެ ތެރެއިން، އޮޕަރޭޓްނުކޮށް ހުރި ނިޒާމުތައް އޮޕަރޭޓް ކޮށް، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހެދޭނެ
- ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަން ދިވެހިރާއްޖެ އަށް ތައާރަފު ކުރެވޭނެ
މި ސަރުކާރު ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ ދުނިޔެއަށް ދިމާވި ކޮވިޑާއެކު މުޅި ދުނިޔޭގެ އިގްތިސޯދު ހީނަރުވިއެވެ. މި ވެރިކަމުގެ ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔައީ ކޮވިޑާ އެކު އައި އިގްތިސޯދީ އަޑިގަނޑުގައެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރީ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ވީ ވައުދު ފުއްދުމުގައި ދެމި ތިބުމަށެވެ.
ކޮވިޑްގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާއި އިގްތިސޯދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރު ވެސް، ވިންދު ޖަހަ ޖަހައި އޮތީ ދިވެހި މަސްވެރިކަމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މަސްވެރިންގެ ޝަކުވާތައް އަޑު އަހައި ގެނެވެން ހުރި ހައްލުތައް ގެނައުމަށް މި ސަރުކާރުން ވަނީ އިތުރު ކަންކަން ކުރަން ފަށާފައެވެ.
މަސްވެރިން ބޭނުން ވަނީ ދުވެލި ބާރު ބޮޑެތި އޮޑި ފަހަރެވެ. ހެޔޮ އަގެއްގައި ޑީސަލްއާއި ޕެޓްރޯލް ލިބުމާއި، މަސްވެރިކަމުގެ ޒަމާނީ އާލާތްތަކާއި މަސް ފިނިކުރާ ނިޒާމްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރުމާއި އައިސް ލިބުން ފަދަ ފަސޭހަތަކެވެ. މަސްވެރިންގެ ހުވަފެން ހަގީގަތަކަށް ހަދާ އެ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް މި ސަރުކާރު އޮތީ ސާބިތު ކަމާއެކުގައި ކަމަށް ދަންނަވަން ޖެހެއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ އިތުރު އައިސް ޕްލާންޓްތަކާއި މަސް ސްޓޯރޭޖްތައް ގާއިމް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެހެންކަމުން މި ސަރުކާރުން މަސްވެރިންނަށް ކޮށްދިން ކަމެއް ނެތޭ ބުނެގެން ފަރުޖެއްސޭނެހެއްޔެވެ.