ފައިސާ ހޯދުމަށް ސިފައިންގެ މީހަކު ރަހީނުކޮށް، ތަޅާ އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އާއިލާ އިން ބުނީ އެމީހާ ރަހީނުކުރީ، މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ކަމަށެވެ. އެމީހާ ރަހީނު ކޮށްފައި ވަނީ ރޭ 11:30 އިރު ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

ރަހީނުކޮށް އެމީހާއަށް އަނިޔާކޮށްފައި ވާއިރު ފައިސާ ނުލިބުމުން މިއަދު ހެނދުނު އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ނޫސްތަކަށް މައުލޫމާތު ދީފައެވެ.

އެމީހާ ރަހީނު ކުރި ގުރޫޕުގައި ހަތް މީހުން ހިމެނޭ ކަމަށާއި އެ އެންމެން ވެސް ތިބީ މާސްކު އަޅާ މޫނު ނިވާކޮށްގެން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބިފައިވަނީ ކޯސްޓުގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ހަސަން ފަހީމް އަށެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 09:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ލިބުނު އަނިޔާއެއް، ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.