ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ހުރިހާ އެންމެނަށް އިންޑިއާގެ ބޯޑަރު ހުޅުވާލައިފިއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންވެސް ހިމެނޭހެން އިންޑިއާގެ ބޯޑަރު ހުޅުވާލާފައި ވާއިރު މިކަމާ ގުޅިގެން އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އެގައުމަށް ދާ ފަތުރުވެރިންނަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށާ އެމީހުންގެ އަތުގައި ދަތުރުކުރާތާ 72 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކޮށް ނެގެޓެވްވި ކަމުގެ ލިޔުން އޮންނަން ޖެހޭ ކަމަށެވެ.

މިކަންކަން ފުރިހަމަ ކުރުމަށްފަހު އެގައުމަށް ދިއުމަށްފަހުގައި ވެސް ކޮވިޑަށް ޓެސްޓުކުރަން ޖެހެއެވެ. އެކި ފިޔަވަކިތަކަކަށް ބަހާލައިގެން އެގައުމަށް މީހުން އެތެރެވުމުގެ ހުއްދަ ދީފައިވާއިރު އެންމެ ފުރަތަމަ އެ ގައުމު ހުޅުވާލައިފައިވަނީ ޗާޓާޑް ފްލައިޓްތަކުގައި ދަތުރުކުރާ މީހުންނަށެވެ. އެއަށްފަހު އެ ގައުމުން ވަނީ ކޮމާޝަލް ފްލައިޓުތަކުގައި ދަތުރުކުރާ ފަތުރުވެރިިންނަށް ވެސް ގައުމު ހުޅުވާލާފައެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން ފާއިތުވި އަހަރުގެ މާޗު މަހަށްފަހު ކޮމާޝަލް ފްލައިޓްތަކުން ޒިޔާރާތްކުރާ ބޭރުގެ ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލި ފުރަތަމަ ފަހަރެވެ.

އިންޑިއަށް އެތެރެވުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލާފައިވީ ނަމަވެސް ބައެއް ގައުމުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށް އެގައުމުން ބުނެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނޭ ކަމަށާ އެ ގައުމުތަކުގެ މީހުން އިންޑިއާއަށް ދަތުރުކުރާނަމަ ކޮވިޑަށް ޓެސްޓް ކުރަން ނުޖެހޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކޮށް އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 500،000 ފްރީ ވިސާ ދޫކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އެގައުމުން ބުނެއެވެ.