ރޭ މާލޭގައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ވާތު ފައި ޗިސްވުމުގެ ސަބަބުން އެ ފައި މިއަދު ބުރިކޮށްލައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ރޭ މީޑިއާތަކަށް ބުނީ 47 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެ، އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި ޕިކަޕު ދުއްވުމުގެ ލައިސެންސެއް އޮތް ކަމަށެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ބާރަށް ދުއްވާފައި ދިޔަ ކުޑަ ޕިކަޕެއް ކަންމައްޗަކަށް ވާގޮތަކަށް ހުރި ފާރުގައި ގޮސް ޖެހެއެވެ. އޭރު އެ އަންހެން މީހާ ހުރަސް ކުރަމުން ގޮސް ފާރާއި ޕިކަޕާ ދޭތެރެއަށް އަރާ ހަމަވީއެވެ.

https://youtu.be/v5x1v9SaZ7E

އެ ވީޑިއޯއިން އިތުރަށް ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގުމާ އެކު ޑްރައިވަރު ޕިކަޕުން ފައިބާ އަންހެން މީހާއާ ދިމާލަށް ދާތަން ފެނެއެވެ. އަދި އޭނާއަށް އެ ސަރަހައްދުގައި ތިބި އެހެން މީހުން އެހީވާ މަންޒަރުވެސް ފެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕިކަޕުގެ ބުރަކި ފޭލްވެގެންނެވެ.