ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ގޯލްޑް 100 ގާލާ އެވޯޑުގެ ލީޑިން ކުންފުންޏެއްގެ ޝަރަފު، އުރީދޫން އަނެއްކާވެސް ހާސިލްކޮށްފިއެވެ.

ރޭ ކްރޮސްރޯޑްސްގައި އޮތް ގާލާ އެވޯޑް ނައިޓްގައި އުރީދުއަށް މި އެވޯޑު ދީފައި ވާއިރު، އެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ ނަޖީބު ޚާނެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެ އަހަރަކު އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އެވޯޑު ހަފްލާއެކެވެ. މިއީ މި އެވޯޑު ހަފްލާ ބާއްވާ ފަސްވަނަ އަހަރެވެ.

މިއަހަރުގެ ގޯލްޑް 100 އެވޯޑް ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވާއިރު، ރައީސްގެ އިތުރުން ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިއަހަރުގެ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން، ގޯލްޑް 100 މެގަޒިންވެސް ވަނީ ލޯންޗުކޮށްފައެވެ.