ކޮވިޑް-19 އާ ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު، އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" މިއަދު އިފްތިތާހު ކޮށްފިއެވެ.

މި ޕްރޮމޯޝަން އިފްތިތާހު ކުރުމަށް އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި އޮތް ރަސްމިއްޔާތުގައި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ފައިސާ ދައްކައިގެން ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިއަދު ފަށާފައި ވާއިރު، މިއަހަރުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެކުންފުނިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން މިއަހަރު ނިމެންދެން ޔަންމާ އާއި ސުޒުކީ ބްރޭންޑުގެ އިންޖީނުގެ ސްޕެއާ ޕާޓުތަކަށާއި، ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ކޯޓިންގްސް އާއި ސްކޮޓް ބާޑާ ފައިބަރު ސާމާނުގެ އިތުރުން އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓް ފަދަ ތަކެއްޗަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، 5،000ރ. ގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކަށްވެސް ކޫޕަނެއް ލިބޭނެ ކަމަށާއި، ގުރުއަތުން ހޮވޭ ފަރާތަކަށް 89،000ރ. ގެ ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބިގެން ދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަށް ދިނުމަށް ހަމަޖެހިފައިވާ އިންޖީނު / ފޮޓޯ: ދަ ޕްރެސް

އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި މާލެއާއި މާލެއާ ކައިރި ބައެއް ރަށްރަށުގެ އޮޑިދޯނި ފަހަރަށް ޒިޔާރަތް ކޮށް، ބޯޓު ޔާޑާއި ޑޮކްޔާޑު ފަދަ ތަންތަނަށް ޒިޔާރަތް ކުރުން ފަދަ އިތުރު ހަރަކާތްތަކެއް ހިންގާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް އާންމުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ.