އަލްމަރްހޫމް ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ވާގޮތުގައި ކޮޕީ ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި ދިވެހި މުޖުތަމައަށް ވަރަށް އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، ދިވެހި ގައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެކެވެ.

އަދި، ކޮޕީ ރަޝީދު ވަކިވެދިޔުމަކީ ދިވެހި ގައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއް ކަމަށް ވެސް ރައީސް ބަޔާންކުރައްވާފައި ވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައި ވަނީ، ކޮޕީ ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަހްމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަސްރަތުގައި ދުއާ ދަންނަވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ކޮޕީ މުހައްމަދު ރަޝީދަކީ، އަރަބި ތާނަ ލިޔުމާއި ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރެެވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 3 ފަހަރެއްގެ މަތިން އާންމު ހިދުމަތުގެ އިނާމު އޭނާއަށް ދީފައެވެ.

އެގޮތުން، 1984 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ދީފައި ވާއިރު، 1988ވަނަ އަހަރު ތާނަ އަރަބި ލިޔުމުގެ ރޮނގުން އިނާމު ވަނީ ދީފައެވެ. އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދްމަތް ކުރުމުގެ ދާއިރާ އިން ޅެންހެދުމުގެ ރޮނގުން އޭނާއަށް ވަނީ އާންމު ހިދުމަތުގެ އިނާމު ދީފައެވެ.

ކޮޕީ މުހައްމަދު ރަޝީދު ނިޔާވި އިރު އުމުރަކީ 72 އަހަރެވެ.