އިންޑިއާއިން ގަންނަ ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ބައިތައް އެގައުމުން އިންޑިއާއަށް ފޮނުވަން ފަށާފައިވާ ކަން ހާމަ ކޮށްފިއެވެ.
މިކަމާ ގުޅިގެން "ރަޝިއަން ސެންޓާ ފޯ އިންޓަނޭޝަނަލް މިލިޓްރީ ޓެކްނިކަލް ކޯޕަރޭޝަން" އިން ބުނީ އެގައުމުން އުފައްދާ މިސައިލް އައްޑަނައިގެ އެންމެ ޒަމާނީ އަދި އެޑްވާންސް ނިޒާމު ކަމަށްވާ އެސް-400 މަރުކާގެ ނިޒާމުގެ ބައިތައް އިންޑިއާއަށް ސަޕްލައި ކުރަން މިހާރު ފަށަފައިވާ ކަމަށެވެ. މި ކޯޕަރޭޝަނަކީ ރަޝިއާގެ ހަތިޔާރު، ބޭރު ގައުމުތަކަށް ވިއްކުމުގައި ހަރަކާތްތެރިވާ ކޯޕަރޭޝަނެވެ.
2018 ވަނަ އަހަރު އިންޑިއާއިން އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ފަސް ޔުނިޓް ގަތުމުގެ އެއްބަސްވުމުގައި ރަޝިއާ އާއެކު ވަނީ ސޮއި ކޮށްފައެވެ. މި ނިޒާމުގެ ފަސް ޔުނިޓް އިންޑިއާއިން ގަންނައިރު މި ފަސް ޔުނިޓް ގަތުމަށް ބޭނުންވާ ފައިސާގެ ތިންބައިކުޅަ ދެބައި އެގައުމުން ވަނީ ރަޝިއާއަށް ދައްކާފައެވެ.
އިންޑިއާގެ ކުރިން ތުރުކީ، ސޫރިޔާ އަދި އީރާނުން އެ މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައް ރަޝިއާއިން ގަނެފައި ވާއިރު އިންޑިއާއިން މި ނިޒާމުތައް ގަތުމާމެދު އެމެރިކާއިން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން މި ހަތިޔާރު ގަތުމަށް ރަޝިއާ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އަދި އެއަށް ފަހުންވެސް އެމެރިކާއިން ވަނީ ރަޝިއާއިން ހަތިޔާރު ނުގަތުމަށް އެދި އިންޑިއާއަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާ ވަނީ ސޮއި ކޮށްފައިވާ މި އެއްބަސްވުން އުވާލުމަށް އިލްތިމާސް ކުރައްވާފައެވެ.
އޭގެ ބަދަލުގައި އެމެރިކާގެ ހަތިޔާރު ގަތުމަށް އެދޭކަމަށް އެގައުމުން ބުނެފައިވާއިރު އެކަން ނުކޮށްފިނަމަ އިންޑިއާ އާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެގައުމުގެ މި އަމަލުތަކާއެކު ހަތިޔާރުގެ ދާއިރާގައި ރަޝިއާ އާ ވާދަކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބައިގައި މިހާރު ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.