މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާދޭ މަރުކަޒުތައް ހިންގަން ބޭރުގެ ފަރާތްތަކާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޖީލު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެހެންނޫނީ އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، ފަރުވާ ދޭ މަޒުކަޒުތައް ހިންގަން ބޭރުގެ ފަރާތްތަކަށް ދޫކޮށްލަމް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން އޭނާ އެދިވަޑައިގެންނެވިއެވެ.

"އެކްސްޕާޓެއް ގެނެސްގެން އޭނާގެ އެހީ ހޯދާ ވާހަކައެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަވަހަށް ކުރާ ކަމަަކަށް ނުވެއްޖިއްޔާ ކުރިއަށް އޮތް ޖީލު ހިފެހެއްޓުމަކީ ފަސޭހަ ކަަމަކަށް ނުވާނެ." ހަސަން ވިދާޅުވިއެވެ.

އަންނަ އަހަރު އެންޑީއޭއަށް ސަރުކާރުން 129 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާއިރު، މަސްތުވާތަކެތީގެ ފަރުވާގެ އެކި ކަންކަމަށް 117 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރާއްޖޭގެ ވަސީލަތްތައް ހުރި މިންވަރުން އެކަން ކުރެވިދާނެ ކަމާމެދު ހަސަން ވަނީ ސުވާލު އުފައްދަވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ މަރުކަޒުތައް ކުރިއަށް ގެންދަނީ އެންޑީއޭގެ ބެލުމުގެ ދަށުން ކަމަށްވީ ނަމަވެސް، އެތަނުގެ ހިންގުމުގެ ފެންވަރު ދަށްވެ، މައްސަލަތައް އިތުރުވެފައިވާ ކަމަށް އެތަނުން ހިދުމަތް ހޯދާ މީހުން ބުނެ، އެންޑީއޭއަށް ފާޑުކިއުންތައް ވަނީ އެކި ފަހަރު މަތިން އަމާޒުވެފައެވެ.