އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ފާހާނާގައި އުޅެނިކޮށް އަނިޔާވެ، ފަރުވާ ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސާލިމް ޖަލު ގޮޅީގެ ފާހާނާގައި އުޅެނިކޮށް ލިބުނު އަނިޔާއަކަށް މި މަހު ހަތްވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

ސާލިމަށް ލިބުނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި ސާލިމްގެ އަތް ވަނީ ބިނދިފައެވެ.

ސާލިމް އަކީ އދ. ދަނގެތި ނެދުންގޭގައި ދިރިއުޅުނު ބިދޭސީއެކެވެ. އެ ގޭގައި ސާލިމް ހުންނަނީ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށެވެ. އެ ގޭގައި ދިރިއުޅެނީވެސް އެދެމީހުން އެކަންނެވެ. ނެދުން ގެއަކީ މަހުމޫދު މަރާލާފައި ފައްތާފައި އޮތް ފެންވަޅު ހުންނަ ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެކެވެ.

އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ މަހުގެ 13 ގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނު އިރު ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތެވެ.

ފުލުހުން ބުނީ މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމަށެވެ.