އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ބޭސް ގަންނަ އަގަށް އެންމެ ބޮޑުވެގެން ލެވޭނީ 100 ޕަސެންޓްގެ މާކްއަޕެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" (އެމްއާރުޕީ) ކަނޑައަޅަން ވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައި ވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހާ ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ނިންމާފައި ވާ ކަމަށެވެ.

އެގޮތުން މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް (އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒް އަށް) ބޮޑުވެގެން ލެވޭނީ 100 ޕަސެންޓްގެ މާކްއަޕެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން ފުރަތަމަ ފިޔަވަހީގައި ރާއްޖެ އިމްޕޯޓް ކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، ޖެނުއަރީ 01، 2022 އިން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ހަމަޖެހިފައި ވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެ ކަމަށާއި ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތައް އާންމުން މިކަމަށް ތައްޔާރުވުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒް އާއެކު މި މުއްދަތުގެ ކުރިން މިނިސްޓްރީ އިން އާންމު ކުރާނެ ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އަގުތަކެއް ކަނޑައަޅާ އިރު، އެއް ބްރޭންޑެއްގެ އެއް ބޭހެއް އެކި ބޭސްފިހާރަތަކުން ވިއްކަނީ ހިތުހުރި އަގަކަށެވެ. އެވަގުތަކަށް އެބަޔަކަށް ފެންނަ އަގެއްގައި ވިއްކާ މައްސަލަ ބޮޑުވެ އަސާސީ ބޭސްތައްވެސް ފިހާރަތަކުން ލިބެން ނެތް މައްސަލަ ވެސް އޮތީ ބޮޑުވެފައެވެ.