މާލެ މައްޗަން ގޯޅި ގެއަކުން އިއްޔެ މަރުވެފައި އޮތް މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ މަރުވެފައި އޮއްވާ ފެނިފައި ވަނީ މއ. އާފަލުގެ، މުހައްމަދު މުޖުތަބާ (37އ)އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އާފަލު ގެއިން ކުނިވަސް ދުވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބެލި ބެލުމުންނެވެ.

އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައި އޮތް މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ އަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. އަދި މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ޖަލު ހުކުމެއް ވެސް އޭނާ ވަނީ ތަންފީޒު ކޮށްފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި މުޖުތަބާ މަރުވެފައި ވަނީ އޯވަޑޯޒް ވެގެންނެވެ.

މުޖުތަބާގެ މައްޗަށް ކުރާ ކަށު ނަމާދު ރޭ 12 ޖެހި އިރު ވަނީ ކޮށްފައެވެ.