އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާގެ 18777 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިދިޔަ އޮކްޓޫބަރު ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވާ އަދަދު ވަނީ 30483 އަށް އަރާފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ 3 އަހަރު (2018-2020) އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައި ވާކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާގެ އިތުރުން ޑެންގޫ ހުމަށް ބަލާއިރު މިދިޔަ ސެމްޓެމްބަރު މަހު ޑެންގޫ 8 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 10 ކޭސްއެވެ.

އޭގެ އިތުރުން ވޭތުވެދިޔަ 3 އަހަރު (2018-2020) އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު މަދުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ ސެމްޓެމްބަރު މަހު ޑެންގޫ 1408 ކޭސް ވަނީ ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 1717 ކޭސްއެވެ.

އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.