ހާރިޖީ ދާއިރާގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، ފޮރިން ސާވިސް އަކީ ވަކި މިނިވަން ހިދުމަތަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ފޮރިން ސާވިސްގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ފޮރިން ސާވިސް ބިލަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް އެ ހިދުމަތް ރޭވިފައިވާ ގޮތާއި ފޮރިން ސާވިސް ހިންގުމާގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެއެވެ.

އެ ގާނޫނުގައި ވާގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސްއެވެ. އަދި ރައީސް އަންގާ ގޮތެއްގެމަތިން އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބެހިގެންވަނީ އެގްޒެކެޓިވް ސާވިސް ސްޓާފުން އަދި ޖެނެރަލް ސާވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށްކަމުގައި ގާނޫނުގައިވެއެވެ.

މީގެ އިތުރުން ވެސް ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.