މީގެ މަހެއްްހާ ދުވަސް ކުރިން ރ. އަތޮޅުގެ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ރ. މަޑުއްވަރީން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ މަހުގެ 15 ގައި މަޑުއްވަރީން ހައްޔަރުކުރީ، އެ ރަށު ފިނިފަރުގޭ އުމުރުން 42 އަހަރުގެ އަލީ ޝާކިރާއި، އެ ރަށު ފެހިއަލި އުމުރުން 33 އަހަރުގެ ނިމާލް އަބްދުލްހާރިސެވެ.
މިދިޔަ މަހުގެ 15 ގައި ރ އަތޮޅުގެ ޕޮލިހާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރ. ރާނބާގުޅި ކިޔާ ފަޅު ރަށަކުންނެވެ. އެ މައްސަލައާ ގުޅިގެން ޝާކިރާއި ނިމާލް ހައްޔަރުކުރީ "ފެށުން 2" ކިޔާ ލޯންޗެއްގައި މަޑުއްވަރީއަށް ވަތް ވަގުތު، ލޯންޗު ޗެކް ކުރުމަށް ފަހުގައެވެ.
އެ މައްސަލާގައި މީގެ ކުރިން ބޭއްވި ބަންދުގެ މަޖިލީހުގައި ޝާކިރާއި ނިމާލަށް އަނިޔާކުރި ކަމަށް އެމީހުން ބުނުމުން، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ތަހުގީގުކުރަން އެޗްއާރުސީއެމަށް އަންގާފައެވެ. އަދި ޝާކިރު ޑޮކްޓަރަށް ދައްކައި އޭނާއަށް ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް، ފަރުވާގެ ލިއުންތައް ހުށަހަޅަން އަމުރު ކުރިއެވެ.
ނަމަވެސް އިއްޔެގެ ބަންދު މަޖިލީހަށް ދިޔައިރުވެސް ޝާކިރު ޑޮކްޓަރަކަށް ނުދައްކައެވެ. ފުލުހުން ބުނީ ޝާކިރު ޑޮކްޓަރަށް ދައްކާފައި ނުވަނީ އޭނާ އެކަމަށް އެދިފައި ނުވާތީ ކަމަށެވެ. ނަމަވެސް ޝާކިރު ބުނީ ޑޮކްޓަރަށް ދައްކަން އޭނާ އެދިފައި ނުވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި ހުންނަ ޑޮކްޓަރު އޭނާއަށް އެއް ބޭސްތަކެއް ދޭތީއެވެ.
އެއާއެކު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝާކިރު ޑޮކްޓަރަށް ދައްކައި ލިޔެކިއުންތައް ކޯޓަށް ހުށަހަޅަން އަމުރު ކޮށްފައެވެ.