ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރޭގައި ހިމެނެނީ 4 ފިރިހެނަކާއި 3 އަންހެނެއް ކަމަށެވެ.

އެ މީހުންނަކީ 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެކެވެ.

އެ އޮޕަރޭޝަނުގައި އެ 2 ގެ ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށާއި އަނެއް ފަސް މީހުން ވަނީ ދޫކޮށްލައިފާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.