އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ޑޯނިއޯ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ކަންކަމުގައި އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ރޭ ބޭއްވި ބައްދަލުވުމެއްގައި އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާއި ހައިޑްރޮގްރަފީ އާ ބެހޭ އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

މިގޮތުން ޑޯނިއާގެ ކަންކަމުގައި އިންޑިއާގެ 25 ސިފައިން ގާއިމުވެ ތިބޭނެ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ޕައިލެޓުންނާއި، އެއް އޮބްޒާވަރަކާއި 21 ޓެކްނިކަލް މީހުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން ދެ ހެލިކަޕްޓަރު އޮންނަ ދެ ސަރަހައްދުގެ ކޮންމެ ތަނެއްގައި އިންޑިއާގެ 25 މީހުން ރާއްޖޭގައި ތިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެހެންކަމުން، ޑޯނިއާ ބޯޓު އަދި ދެ ހެލިކަޕްޓަރަށް ޖުމްލަ 75 އިންޑިއާ މީހުން ތިބޭނެއެވެ.

މިފަހުން ޑޯނިއާ ދުއްވުމަށް އެމްއެންޑީއެފްގެ ތިން ޕައިލެޓުން ތަމްރީނު ކޮށްފައި ވާއިރު އޭގެ ތެރެއިން ދެ ޕައިލެޓަކަށް ދާދި ފަހުން ވަނީ ބެޖު ވެސް ހަވާލުކޮށްފައެވެ.

ދިވެހި ޕަލެޓުން ތަމްރީން ކުރުމުން އަދިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާނެތޯ މަޑުއްވަރީ ދާއިރާގެ މިހާރު މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ، ކުރީގެ ސަރުކާރުން އޭރު ވެސް މަޝްވަރާކޮށްފައި އޮތީ ދެ ގައުމު ގުޅިގެން ފްލައިޓު ދުއްވަން ކަމަށާއި އެއްބަސްވުމުގައި ވެސް ވަނީ އެގޮތަށް ކަމަށެވެ.

ޝަމާލް ވިދާޅުވީ ބަޖެޓުގައި ހުރި ދަތިކަމުގެ ސަބަބުން ދިވެހި ޕައިލެޓުން އެމްއެންޑީއެފް ވަޒީފާގައި ދެމިތިބުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ.