ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ނ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް މިއަދު ހަވީރު 3:50 އިން ފެށިގެން މިރޭ 9 ގެ ނިޔަލަށް ނެރެފައިވާ ޔެލޯ އެލާޓުގައިވާ ގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަމަ އެހެންމެ އެންމެ އުތުރުގެ ރަށްތަކަށް ގުގުރުމާއެކު، މިރޭ 7 އިން މެންދަމު 12 އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އެމްއެންޑީއެފުން ވަނީ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، މިގޮތުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދު ފަހަރުގައި ސަލާމަތީ ފިޔަވަޅުތައް ހުރީ ރަނގަޅަށްތޯ ބެލުމަށް އެމްއެންޑީއެފުން އެދެއެވެ. އޭގެ ތެރޭގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދު ފަހަރުގައި ރޭގަނޑު، އަދި ވިއްސާރަ ވަގުތުތަކުގައި ދަތުރު ނުކުރުމަށާއި، މުދާ އުފުލާ އުޅަނދު ފަހަރު މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށާއި، ލައިސަން ލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުން ފަދަ ކަންތައްތަކަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ބޭ އޮފް ބެންގޯލްގެ ހުޅަނގު ދެކުނުގައި އެފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ކޮޅިގަނޑު ރާއްޖޭގެ ހުޅަނގު އުތުރަށް ޖެހި، އިންޑިއާގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް ގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން މީގެ ކުރިންވެސް ކަނޑުމަތީގައި އެތައް ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ މަހު ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ކުޑަކުއްޖެއް ވަނީ ގެއްލިފައެވެ.