ކޮވިޑް-19ގެ ސަބަބުން ގެއްލިގެންދިޔަ ދިގު މުއްދަތު ބަހަނާއެއްގެ ގޮތުގައި ބެލެވޭކަށް ނެތްކަމަށާއި ކުރިއަށް އޮތީ ވައުދުތައް ފުއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު އޮތީ މާބޮޑު އެހެން މަސްއޫލިއްޔަތެއް ކަމަށާއި އެއީ ކޮވިޑް-19ގެ އަލަމީ ބަލިމަޑުކަމުން އެންމެން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ކުރެވުނު މަސައްކަތުގެ ސަބަބުން ރާއްޖެއަކީ، މިއަދު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވާ ގައުމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިގްތިސާދު ހުޅުވާލެވި، މަސައްކަތް ފެށި، އާ އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަން ޖެހެނީ މި ފަސް އަހަރަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަށް ފުއްދަވާ ނިންމެވުމަށް ކަމަށެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅީ އެމިސްރާބަށް ވާސީލްވުމުގެ އަމާޒުގައި ކަމަށާއި ކޮވިޑުން ގެއްލުނު ދިގު މުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލޭކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ މިފަސްއަހަރަށްވީ ވައުދުތަށް ފުއްދާ ނިންމުމަށް، 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ އެމިސްރާބަށް ވާސިލްވުމުގެ އަމާޒުގައި، ކޮވިޑް-19 އިން ގެއްލުނު ދިގުމުއްދަތަކީ ބަހަނާ އެއްގެ ގޮތުގައި ބެލޭކަށް ނެތް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އަންނަ އަހަރު، އިޖްތިމާއީ ދާއިރާއަށް ހާއްސަ އިސްކަމެއް ބަޖެޓްގައި ދެވިފައިވާނެ ކަމަށެވެ. މިގޮތުން ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި އަދި ނަރުހުން ހޯދުމަށް ބަޖެޓްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.