މިއީ މިހާތަނަށް އަންނާނެ އެންމެ ސާފު ތާހިރު 5 އަހަރު ކަމުގައި ވެގެންދާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވި 3 އަހަރަށް ފެށުމުގެ ކުރިން ވެސް އެމަނިކުފާނު ދެންނެވި ވާހަކައެއް މިއަދު ވެސް ހަނދާނުގައި ހުރި ކަމަށެވެ. އެއީ، ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީ ވެސް ގައިން ތާހިރުވެ ތިބެގެން ކަމަށް ވިދާޅުވެ ދެއްކެވި ވާހަފުޅުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އެމަނިކުފާނު ކަޑައްތު ކުރެއްވި 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާ، ނަރުދަމާގެ މަސައްކަތް ހިންގެވުން ކަމަށެވެ.

މިގޮތުން ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި މިފަސް އަހަރު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ފާއިތުމިކުރި 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާ، ނަރުދަމާގެ މަސައްކަތް ހިންގުން، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހިޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. މި ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި ހުރި، ހުރިހާ ރަށެއްގައި ކުރިއަށް އޮތް އަހަރު މަސައްކަތް ފެށިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މަސައްކަތް މަޑުޖެހިފައި ހުރި ރަށްތަކުގައި ވެސް މަސައްކަތްތައް ބާރަށް ހިންގޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.