އަންނަ އަހަރު އަތޮޅު ތެރޭގައި މެންޓަލް ހެލްތު ޕްރޮގްރާމް ފަށާނެ ކަމަށް ރައީސުލްޖުމްރޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ބަލިތަކާމެދު ނަފްސުތަށް ހޭލެވެން ފެށިއިރު އޭގެ ފަރުވާ ލިބުން ވެފައި އޮތީ ވަރަށް ބޮޑު ދަތި ކަމަށެވެ.

އައިޖީއެމްއެޗްއިން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު ކަމަށާއި މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ހިދުމަތް ވެސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް އަންނަ އަހަރު ފެށޭނެ ކަމަށާއި އަދި ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތް ޔުނިޓްތައް ތަރައްގީ ކުރެވޭނެ ކަމަށެވެ.

އައިޖީއެމްއެޗްއިން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު، މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މިހިދުމަތް ވެސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރެވެމުން، މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް އަންނަ އަހަރު ފެށޭނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތް މާބޮޑަށް ވެސް އަވަސްކުރަން ޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު ސަރުކާރުން އެކަމަށް އިސްކަން ދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިދުމަތްތައް، އެކުވެނި، އެއް ފުރާޅެއްގެ ދަށުން، ފޯރުކޮށްދިނުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އަންނަ އަހަރަށް ވަރަށް ބޮޑު އިސްކަމެއްދީގެން ބަޖެޓް ކުރެވިފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.