މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި އެކަން ކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެކުލަވާލަން ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަން (ޖީސީއޭ) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. އަދި ޖީސީއޭ ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެޓްރިކް ވާކޫއިޖެންއެވެ.
މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫއެސް ޑޮލަރުގެ މަޝްރޫއުތަކެއް އެކުލަވާލުމަށާއި ޖީސީއޭ މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ރޭވިފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް މިއެއްބަސްވުމުގެ ދަށުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖީސީއޭ އާ އެކު ހެދި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި ފެނުގެ ވަސީލަތްތަކަށާއި ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތެކެވެ.
މިއަދު ހެދި މި އެއްބަސް ވުމުގެ ދަޑުން ޖީސީއޭގެ ފީއަކީ ކިހާވަރެއްކަމެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
ތިބުނަނީ ކިހިނެއް ހާނާ ވާހަކަ.ތިޔަ އުޅެނީ އަނެއްކާ އަނެއް ލާރިގަނޑު ބައިއެޅޭ ގޮތަށް ކާލަން. ޔަގީނޭ.