ދަރުމަވަންތަ ހޮސްޕިޓަލުގެ ސެންޓްރަލް ކޫލިން ސިސްޓަމް މެއިންޓެއިން ނުކޮށް ގިނަ ދުވަސްވެ، ހަލާވުމާ ގުޅިގެން އެހޮސްޕިޓަލް ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެފައިވާ ކަން ހާމަވެއްޖެއެވެ.

އައިޖީއެމްއެޗް އިން ލޭގެ ޓެސްޓު ހެދުން ހުއްޓުމަކަށް އައުމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓްތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ކުރިން ލަފާކުރެވިފައި ނުވާ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އޭގެ ސަބަބުން އައުޓްޕޭޝަންޓް ލޭގެ ޓެސްޓްތައް ހަދަން ބޭނުންވާ މީހުންނަށް ދޫކުރާ ނަންބަރުތައް ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެވާހަކަތައް ދޮގުކޮށް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބަޔޯ މެޑިކަލް އިންޖިނިއަރަކު ބުނީ ދަރުމަވަންތާގައި ހުންނާނީ ވަރަށް އެޑްވާންސް ލެބެއް ކަމަށާއި މައްސަލައެއް ޖެހުނަސް ވަރަށް ފަސޭހައިން އެއީ ކޮން ކަމެއްކަން ބަލާ އެކަން ހައްލު ކުރެވޭނެ ކަމަށެވެ. ނަމަވެސް މިފަހަރު މިއީ ލެބުގެ މެޝިނެއް ހަލާކުވީ ނޫން ކަމަށް އޭނާ ބުންޏެވެ.

ޓެމްޕަރޭޗާ މާ ބޮޑަށް ލެބުގައި މަތިވީ، ކޫލިން ސިސްޓަމް ފެއިލް ވީމާ. އެ ސިސްޓަމްގެ ޑޭޝް ބޯޑުން، އެކަން ފާހަގަކޮށް އެލާޓް ވެސް އަންނާނެ،
ބަޔޯ މެޑިކަލް އިންޖިނިއަރަކު

އޭނާ އިތުރަށް ބުނީ އައިޖީއެންއެޗުން މައްސަލަ ޖެހުނު ކަމަށް ބުނާ ސިސްޓަމުން އެކިއުރޭޓް ރިޒަލްޓްސް ދިނުމަށް، މެޝިން ހުންނަ ތަނުގެ ފިނިހޫނުމިން ބަހައްޓަން ޖެހޭނީ 22-25 އާ ދެމެދުގައި ކަމަށާއި ނަމަވެސް ކޫލިން ސިސްޓަމް ފެއިލް ވުމުން، އެ ތަނުގެ ފިނިހޫނުމިން 30 އަށް އަރާފައިވާ ކަމަށެވެ.

މިހާރު ވެސް އެ މެޝިން ޖެއްސޭނެކަން ފާހަގަކުރަމުން އޭނާ ބުނީ އެކިއުރޭޓް ރިޒަލްޓްސް ލިބޭނީ 22-25 ފިނިހޫނުމިނުގައި ހުރެގެން ކަމަށެވެ. އަދި އެއަށް ވުރެ ޓެމްޕަރޭޗާ މަތިވެއްޖެ ނަމަ ސިސްޓަމްގެ ޑޭޝް ބޯޑުން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ލެބުގެ އިތުރުން ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް އެހެން މެޝިންތައް ހުރި ތަންތަނަށް ވެސް އެކަށީގެންވާ ގޮތަށް ފިނި ނުވާތީ، ކޫލިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ވަންދެން އިތުރު އެހެން ހިދުމަތްތައް ދިނުމަށް ބުރޫ އެރުން ވަރަށް ގާތް.
ބަޔޯ މެޑިކަލް އިންޖިނިއަރަކު

އިންޖިނިއަރު އިތުރަށް ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކޫލިން ސިސްޓަމަށް މައްސަލަ ދިމާވީ، އެ އިމާރާތް އެޅި ފަހުން މިހާތަނަށް އެ ސިސްޓަމް މެއިންޓެއިން ކޮށްފައި ނެތުމުން ކަމަށާއި އޭގެ ސަބަބުން އެ ސިސްޓަމްގެ ބައެއް ބައިތަކުގައި ދަބަރު ޖަހައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމް ކޮށްފައި ވަނީ އެންމެ މިޒަމާނުގެ ކޫލިން ސިސްޓަމެކެވެ. މުޅި އިމާރާތުގެ ފިނި ހޫނުމިން ރެގިއުލޭޓްކޮށް ވެންޓިލޭޓް ވެސް ކުރަނީ މި ސިސްޓަމުންނެވެ. ކުރީ ސަރުކާރުން ނިންމާފައި އޮތީ، ދަރުމަވަންތަ ހޮސްޕިޓަލް ނިމުމުން، އެ ތަނުގެ މެއިންޓެނަންސް މަސައްކަތްތައް އެތަން ތަރައްގީ ކުރި ސިންގަޕޫރުގެ ޗަންގް ހުއާ ކުންފުންޏާ ހަވާލު ކުރާށެވެ. އަދި އެ މުއްދަތުގައި އެ އިމާރާތް މެއިންޓެއިން ކުރަން އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމެއް ތަމްރީނު ކުރުމަށް ނިންމާފައި ވެއެވެ.

އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެކަން ކުރުން މި ސަރުކާރުން ހުއްޓުވިއެވެ. އަދި އެއްވެސް ބަޔަކާ އެކަން ހަވާލުނުކޮށް މުޅި ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓެނަންސް މަސައްކަތް ކުރަން ބަހައްޓާފައި ހުންނަނީ އެންމެ މީހެކެވެ. އޭގެ ސަބަބުން އެ ސިސްޓަމް އެއްވެސް ވަރަކަށް ބެލެހެއްޓިފައި ނުވެއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.