އެމްއޭސީއެލްގެ އެންމެ މަތީ މަގާމުތަކުން ފެށިގެން އެކި ލެވަލްތަކުގައި އިސްކޮށް، ބޭރުގެ 8 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލްގެ ގިނަ އިސް މަގާމުތަކަށް ބިދޭސީން އައްޔަން ކުރަމުން ދާއިރު މީގެ ތެރޭގައި އެމްއޭސީއެލްގެ ސީއީއޯ އާއި ހެޑް އޮފް ޑިވެލޮޕްމަންޓާއި، ޗީފް ބިޒްނަސް އެކްސެލެންސް އެންޑް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގައި ތިބީ ބިދޭސީންނެވެ. ހަމައެހެންމެ ކޮންސަލްޓެންޓުންގެ ގޮތުގައި ވެސް ގިނަ އަދަދަކަށް ބިދޭސީން އެކުންފުނީގައި އެބަތިއްބެއެވެ.

މީގެ އިތުރުން މިއަދު ވަނީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ ޑެރެން ވިލިއަމްސް ހަމަޖައްސާފައެވެ. މިއާއެކު ބޭރުގެ 8 މީހަކު މިހާރު އެމްއޭސީއެލްގެ މަތީ މަގާމުތަކުގައި އެބަތިއްބެވެ.

އެމްއޭސީއެލްގެ އިސް މަގާމުތަކުގައި ތިބި ބޭރުގެ ރައްޔިތުން:

  • ޗީފް އެގްޒެކެޓިވް އޮފިސާ: ގޯޑަން އެންޑްރޫ ސްޓުއަޓް
  • ޗީފް އޮޕަރޭޓިން އޮފިސާ: ޑެރެން ވިލިއަމްސް
  • ހެޑް އޮފް ޑިވެލޮޕްމެންޓް: ގީތާ ރޭ
  • އެމްއޭސީއެލްގެ ކޮންސަލްޓެންޓް: ލިންސޭ ޑަބްލިއު
  • ޗީފް ޑިވެލޮޕްމެންޓް އޮފިސާ: ޖޯން ބްރެޑްހޯޑް
  • ޗީފް ބިޒްނަސް އެކްސެލެންސް އެންޑް ކޮމްޕްލަޔަންސް އޮފިސާ: އެންޑްރޫ ޖޭއީ ބެއިޑް
  • އިންފްރާސްޓްރަކްޗާ މެނޭޖަރު: ޑެރީލް ބޮލްޓަން
  • އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑައިރެކްޓަރުގެ: މަޖޫ ޗެރިއަން

އެމްއޭސީއެލްގެ ގިނަ އިސް މަގާމުތަކަށް ބޭރު މީހުން އައްޔަން ކުރާ އިރު އެމީހުންނަށް މުސާރައިގެ ގޮތުގައި ދިހަބާރަ ހާސް ޑޮލަރު ދޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއޭސީއެލްގެ އިސް ބައެއް މަގާމުތަކަށް ބޮޑެތި މުސާރައިގައި ބޭރުގެ މީހުން އައްޔަން ކުރާ އިރު އެފެންވަރުގެ މަގާމުތަކުގައި ތިބި ދިވެހި މެނޭޖަރުންނަށް އެވަރުގެ މުސާރައެއް ނުލިބޭ މައްސަލަ ބޮޑުވެ، ދިވެހި މުވައްޒަފުންގެ ޝަކުވާއާއި އިހުތިޖާޖުގެ ސަބަބުން ދާދިފަހުން އެމްއޭސީއެލްއިން ވަނީ މުސާރަ މުރާޖައާ ކޮށްފައެވެ. ނަމަވެސް ދަށު ފަންތީގެ މުވައްޒަފުންގެ މުސާރައަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ލިބިފައި ނުވިނަމަވެސް އެކުންފުނީގެ އާ ސީއޯއޯ އަކީ އެއާޕޯޓު ހިންގުމުގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި މީހެއް ކަމަށާއި ފާއިތުވި 10 އަހަރު މަސައްކަތް ކުރީ ދުބާއީ އެއާޕޯޓުގެ އެއާސައިޑް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓުގެ ގޮތުގައި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި އިނގިރޭސިވިލާތުގެ އެއާޕޯޓުތަކުގައި ވެސް މަސައްކަތް ކޮށް ތަޖުރިބާ ހޯދާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.