މާލޭގެ ސަރަހައްދުތަކުގައި ނައިޓް މާކެޓު ހިންގުމުގެ ހުއްދައަށް އެދުމަށް ސިޓީ ކައުންސިލުން މިއަދު ހުލުވާލައިފިއެވެ.

ނައިޓު މާކެޓު ހިންގަން އުސޫލުތަކެއް ކަނޑައެޅުމަށްފަހު، ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާލޭގައި ނައިޓު މާކެޓު ބާއްވަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ކައުންސިލްގެ އިދާރާއަށް ހުށަހަޅަން އެދިފައެވެ.

ސިޓީ ކައުންސިލުން ނައިޓް މާކެޓް ބާއްވަން ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކަށާއި ކައުންސިލުން ކަނޑައަޅާ ދުވަސްތަކަށެވެ.

މަގުމަތީ ބާޒާރު ބޭއްވުމަށް ކައުންސިލުން ހުއްދަދޭން ނިންމާފައިވާ ފަރާތްތައް

  • އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް
  • ކްލަބް ޖަމިއްޔާތަކަށް
  • ހުއްދައަށް އެދުމުން ކައުންސިލުން ހުއްދަ ދޫކުރާ ފަރާތްތަކަށް

އެ އުސޫލުގައިވާ ގޮތުން، މަގުމަތީ ބާޒާރު ހިންގުމަށް ވިޔަފާރިއަކުން ހުށަހަޅާ ނަމަ، އެ ވިޔަފާރިއަކީ 100 ޕަސެންޓު ދިވެހިން ހިންގާ، މީރާގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކަށް ވާން ޖެހެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ، އޭނާ އަކީ ވިޔަފާރިއެއް ހިންގުމުގެ އަދި މިފަދަ ކަމެއް ހިންގުމުގެ ގާބިލްކަން ހުރި މީހަކަށް ވާން ޖެހެއެވެ.

މީގެ އިތުރުން، އެ ފަރާތަކުން ޕްރޮސެސް ފީގެ ގޮތުގައި 20،000ރ. ކައުންސިލަށް ދައްކަން ޖެހޭ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވާއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000ރ. ދައްކަން ޖެހޭ ކަމަށާއި، ކޮންމެ ސްޓޯލަކުން ފަސް ޕަސެންޓު ކައުންސިލަށް ދިނުމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކައުންސިލުން ބުނީ، ނައިޓް މާކެޓް އިންތިޒާމްކުރާ ފަރާތްތަކުން ސްޓޯލްތައް ވިއްކަން ވާނީ ބައިވެރިވާ ހުރިހާ ފަރާތަކަށް ހަމަހަމަވާ އުސޫލަކުން ދުރާލާ އިއުލާނުކޮށް، އެކަށީގެންވާ އަގެއްގައި ކަމަށެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމު ކައުންސިލުން ދޫކުރަން ފަށާފައިވާއިރު، ރަސްމީ ދުވަސްދުވަހު ހެނދުނު 10:00 އިން މެންދުރު 1:00 އަށް ފޯމް ބަލައިގަންނާނެއެވެ.