މިއަދު ރަށްރަށުން ކޮވިޑަށް ޕޮޒިޓިވް ވި ކޭސްތައް 115 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 އިރު ތެރޭ 4483 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 160 މީހުން ކަމަށެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 25 މީހަކާއި، އަތޮޅުތެރެއިން 115 މީހަކާއި ރިސޯޓްތަކުން 20 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

މިއަދު ރަށްރަށުން 115 މީހަކު ޕޮޒިޓިވްވެފައި ވާއިރު އިއްޔެ ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ 86 މީހުންނެވެ.

މިދިޔަ ދުވަސްތަކުގެ ކޭސްތައް ދައްކާ ގޮތުން ރިސޯތްތަކުން ވެސް ވަނީ ކޭސްތައް އިތުރުވެފައެވެ. މިއަދު ރިސޯޓްތަކުން 20 މީހުން ޕޮޒިޓިވް ވި އިރު އިއްޔެ ވަނީ ރިސޯޓްތަކުން 40 މީހަކު އަދި އޭގެ ކުރީ ދުވަހު 34 މީހަކު ޕޮޒިޓިވް ވެފައެވެ. މީގެ ކުރިން ރިސޯޓްތަކުން ޕޮޒިޓިވްވާ އަދަދު އާންމުކޮށް ހުންނަނީ 10 އަކުން ދަށުގެ އަދަދުތަކުގައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 89126 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2080 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 612 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 246 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 197 މީހަކު މަރުވެފައެވެ.