ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާއަކަށް ދިއުމުގެ ވިސްނުން އޮތް ކަމަށް އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މީޑިއާއާ ވާހަކަ ދައްކަމުން 2023 އާ ހަމައަށް ދާ އިރު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ބައިވެރިންނާ އެކުގައި މަޝްވަރާއަކަށް ދިއުމަށް އަދާލަތު ޕާޓީ ތައްޔާރަށް އޮތް ކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު ވަނީ މަޝްވަރާއަށް ދިއުމަށް އޮތް ވާހަކަ ބުނުމުން އަދާލަތު ޕާޓީއަށް މަރުހަބާ ދަންނަވާފައެވެ. އަދި މަޝްވަރާތައް ފެއްޓުމަށް ގިނަ ސިޔާސީ ޕާޓީތައް އެކަމަށް އެއްބަސްވުމަކީ އެދިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްޕުޅު ތަކެއް ކުރައްވަމުންނެވެ. އެ ގޮތުން މި ވަގުތު ވެސް ސިޔާސީ އެކި ލިޑަރުންނާ ބައްދަލު ކުރައްވާ މަޝްވަރާއަކަށް ދިއުމަށް އެމަނިކުފާނު ގެންދަވަނީ ލޮބީ ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދުގެ އަރިސް މެންބަރުންތަކަކާއި، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އަންނަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ޕެޓިޝަނެއް ހަދާ 100،000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މެއި 6 ގައި ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވަނީ މަޝްވަރާވެސް ކުރައްވާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީއާ ވެސް ނަޝީދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރަސްމީކޮށް މި ޕާޓީތަކާ އެކުގައި ރައީސް ނަޝީދު ބައްދަލު ކުރެއްވި ނަމަވެސް އަދާލަތު ޕާޓީއާއި އެމްއާރްއެމްއާ އަދި ބައްދަލެއް ނުކުރައްވައެވެ.

މަޝްވަރާއަކަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވާ އިރު 2023 ގައި ބަރުލަމާނީ ކޮޅަށް އަރައިގެން ނޫނީ އަދާލަތަށް ސިޔާސީ ގޮތުން ކާމިޔާބެއް އޮތް ކަމަކަށް ނުފެނެއެވެ.