އޭޝިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލަންކާއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ މަރުވި މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

އޭޝިއާ ސަރަހައްދުން އެންމެ ބޮޑަށް މި ވިއްސާރައިގެ އަސަރު ކުރަމުންދާ ސްރީލަންކާގައި ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި 25 ޑިސްޓްރިކްޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ޑިސްޓްރިކްޓުގައި، ވަނީ ފެންބޮޑުވެފައެވެ.

އެގައުމުގެ މެޓް އޮފީހުން މިކަމާ ގުޅިގެން ބުނެފައި ވަނީ މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ ކަމަށެވެ. 15 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މޫސުން ގޯސްވެ އެގައުމުގެ މެޓް އޮފީހުން 'ކޯޑް ރެޑް' ނެރެފައި ވާއިރު މީހުން މަރުވުމުގެ އިތުރުން މީހުން ގެއްލިގެން ވެސް ރިޕޯޓު ކުރަމުން ދާ ކަމަށާ މިހާތަނަށް އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ވިއްސާރައިގެ ސަބަބުން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެ ގައުމުގައި ސައިފަތް ދަނޑުތައް ހައްދާ ސެންޓްރަލް ހައިލޭންޑްސް ސަރަހައްދަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް އެ ގައުމުގެ މެޓް އޮފީހުން ބުނީ ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި އުތުރު އައްސޭރިއަށް ކަމަށެވެ.

އެގޮތުން އުތުރަށް 150 މިލިމީޓަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.