މަޑުއްވަރީ ދާއިރާގައި ހިމެނޭ ރ. މަޑުއްވަރީ އާއި ރ. މީދޫ ކައުންސިލަށް ނޭނގި އެ ދެ ރަށް މޮނިޓަރިން އަށް ލީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ މެންބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ދެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ރަށުގެ ކައުންސިލަށް ނޭނގި ކަމަށާއި، އާދަމް ޝަރީފް ޓްވީޓް ކުރެއްވި ވަގުތާ ހަމައަށް ވެސް އެކަން ކައުންސިލަށް އަންގައިފާ ނުވާ ކަމަށެވެ.

އާދަމް ޝަރީފް ވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލް ތަކަށް ދޭން ޖެހޭ ބާރުތައް މި ދެނީ "މޮހޮނަށް އޮޑި ދޭހެން" ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

މަޑުއްވަރީގައި 98 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވާއިރު މީދޫގައި 96 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވާކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ މި ހާލަތު އޮވެމެ ވެސް އެ ދެ ރަށް މޮނިޓަރިން އަށް ލުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެސްފައި ވާއިރު މަޑުއްވަރީއިން ކޮވިޑްގެ 7 ކޭސް އަދި މީދޫގައި ކޮވިޑްގެ 21 ކޭސް ވަނީ ފެނިފައެވެ.

ކައުންސިލަށް ނާންގާ މަޑުއްވަރީ މޮނިޓަރިން އަށް ލާފައިވާކަން ހާމަކުރައްވާ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ އެޗްޕީއޭއިން މަޑުއްވަރީ ކައުންސިލް އަށް ނޭނގި މޮނިޓަރިން އަށް ނުލެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް އިތުރު ތަފްސީލް ހިއްސާކުރައްވަމުން ސޯދިގު ވިދާޅުވީ ކައުންސިލަށް އަދި ސިއްހީ މަރުކަޒަށް ރަސްމީކޮށް އެކަން އަންގާފައި ނުވާ ކަމަށާއި އެޗްޕީއޭ އަދި މަރުކަޒުގެ ވައިބާ ގްރޫޕެއްގައި މަޑުއްވަރީ މޮނިޓަރިން އަށް ލައިފި ކަަމަށް ބުނެ މެސެޖެއް ކޮށްފައިވާ ކަމަށެވެ.

ސޯދިގު އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން އެޗްޕީއޭ އަށް ގުޅަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށެވެ. އަދި ކޮވިޑް އަކީ ވިޔަފާރިއަކަށް ނުހަދާ ރަނގަޅު ހަރުދަނާ ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ސޯދިގު ވަނީ އެދިވަޑައިގެންފައެވެ.