ދ .ބަނޑިދޫ މިސްކިތެއްގެ އިމާމެއް ކަމުގައިވާ ޝިއުތު އީސާ، އެރަށުގެ އުމުރުން ދުވަސްވީ މީހެއް ކަމަށް ވާ އުމަރު މުހައްމަދު، 75އ އަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތުދެމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ މި ހަމަނުޖެހުން ހިނގާފައިވަނީ އުމުރުން ދުވަސްވީ މީހާ އާއި މިސްކިތުގެ އިމާމު މީހާއާ ދެމެދު ދެބަސްވުމެއް ހިނގާ ކުރި ޒުވާބު ހޫނުވުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ގާތްގަނޑަކަށް މެންދުރު 12:34 ހާއިރެވެ.

ކައުންސިލް ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހާ އަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހާގެ ހާލު އަދިވެސް އެހާ ރަނގަޅު ނޫން ކަމަށެވެ. އަދި މަތީ ތުންފަތުގެ އެތެރެއިން ދެތަނަކުން ފަޅައިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ލޭ މަނާ ނުވެގެން ރޭގެ ވަގުތެއްގައި ބޮޑަށް ފަޅައިގެން ގޮސްފައިވާ ތަން ފަހާފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ވާހަކަދައްކަމުން އިތުރަށް ވިދާޅުވީ މީގެ ކުރިން އެ މީހާ އެހެން މިސްކިތެއްގެ އިމާމެއްގެ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިއްޔެ އެ ހާދިސާ ހިނގަން މެދުވެރިވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފުވެފައި ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ އެ ހާދިސާ އިއްޔެ މެންދުރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި 75 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.