ސަލްޕިމެންޓްރީ ބަޖެޓެއްގެ ގޮތުގައި 2.24 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއެކުއެވެ.

މިއަހަރަށް 34.9 ބިލިއަން ރުފިޔާގެ ބެޖެޓެއް މަޖިލީހުން ފާސް ކޮށްފައިވީ ނަމަވެސް އެ ބަޖެޓު ހަމަ ނުޖެއްސިގެން އިތުރު 2.24 ބިލިއަން ރުފިޔާ ހޯދަން ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.

އެހެންކަމުން މި އަހަރު ނިމޭ އިރު 37.1 ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

އަލަށް ބަޖެޓަށް އިތުރުވި އަދަދާ އެކު މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓް ހަރަދު 24.5 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.

މިއަހަރު 20 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަަކުން ދައްކައެވެ.

އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާއިރު މިހާރު އެ ބަޖެޓާ ގުޅޭ ބަހުސްތައް މަޖިލީހުގައި ދަނީ ހިނގަމުންނެވެ.