އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ވިދާޅުވީ އެއީ ފުލުހުންގެ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރާ ކަމެއް ކަމަށެވެ.
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތައް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވެއެވެ.
ފުލުހުން މީގެ ކުރިން 1400 ބޮޑީ ކެމެރާ ހޯދަން އިއުލާން ކުރި ނަމަވެސް ފަހުން ވަނީ އެ އަދަދު 200 އަށް ބަދަލުކޮށް ކެމެރާ ހޯދަން އިއުލާން ކޮށްފައެވެ. އަދި ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފުލުހުން ވަނީ ބޮޑީ ވޯން ކެމެރާ ހަރުކޮށް ޓެސްޓުކުރުމުގެ މަސައްކަތްތަކެއްވެސް ކޮށްފައެވެ.
ގައިގައި ހަރުކުރާ ކެމެރާއަކީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ވަސީލަތެއް ކަމާއި އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު ފުލުހުންގެ ހިންގުމަށް އިދާރީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސް ލާމަރުކަޒު ކުރުމުގެ މުހިންމު މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.